ރަސްފަންނު ސަރަޙައްދުގައި ސަރުކާރުން ހައްދަވާ ޖޮގިން ޓްރެކްގެ މަސައްކަތް، މޫސުން ތަންދޭނަމަ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެ މަސައްކަތާ ޙަވާލުވެފައިވާ ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނީ ބުނީ މަސައްކަތް ކުރިން ދީފައިވާ މުއްދަތަށް ނުނިމި ލަސްވީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ.
ރަސްފަންނުގައި ތަރައްޤީކުރައްވާ ޖޮގިންގ ޓްރެކަކީ، ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑާއި، ސެކޫރައިޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެން ކުރައްވާ މަސައްކަތެކެވެ. ޖޮގިންގ ޓްރެކްގެ މަސައްކަތާ ބެހޭގޮތުން މިއަދު ރަސްފަންނު ސަރަޙައްދުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޙުސެއިން ހަމީދު ވިދާޅުވީ، ޖޮގިން ޓްރެކްގެ މަސައްކަތް އަދި މުޅިން ނުނިމޭ ކަމަށާއި، މިހާރުވެސް ކުރިއަށްދަނީ ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައްކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގެ ފެންވަރުގައިވެސް ކުރާ މިފަދަ ކަންކަމުގެ ދިރާސާތައް ކުރާގޮތަށް ކުރުމަށްފަހުކަމަށެވެ. އަދި މިފަދަ މަސައްކަތެއް ރާއްޖޭގައި ކުރާއިރު، ވިސްނަންޖެހޭ ކަންތައްތަކާއި، ބޭނުންކުރަންޖެހޭ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލް ބޭނުންކޮށްގެންކަމަށެވެ. އޭނާ ވިދާޅުވީ، ޖޮގިންގ ޓްރެކް ނުނިމި ދިގުލައިގެން ދިޔަ ސަބަބަކީ ޓްރެކްގެ ފިނިޝިން މެޓީރިލިއަލް އިންސްޓޯލްކުރުމަށް ބޭނުންވާ ޑްރައި ކޮންޑިޝަން ނެތުމުން ކަމުގައެވެ.
"ފިނިޝިންގ ގައި ބޭނުންކުރާ ސިންތެޓިކް މެޓީރިއަލް ތަައްކުރުމަށް ބޭނުންކުރާ ގްލޫ ރަނގަޅަށް ހިއްކުމަށް 48 ގަޑިއިރު ބޭނުންވޭ. އެހެން ނަމަވެސް މަސައްކަތް ފެށިގެން ފިނިޝިންގގެ މަސައްކަތާ ހަމައަށް އައިފަހުން ގްލޫ ލުމަށްފަހު ގާތްގަޑަކަށް ދެތިންގަޑިއިރު ތެރޭގައި ވާރޭވެހި މޫސުން ގޯސްވޭ. އެހެންވެ ގްލޫ ރަނގަޅަށް ނުހިކޭތީ ދިމާވެގެން އުޅޭ ކަމެއް މީ. މިހާރު މިކުރަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް." ޕްރޮޖެކްޓް މެނޭޖަރ ޙުސެއިން ހަމީދު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތް ކުރިއަށްދަނީ ކުންފުނީގެ ޚަރަދުގައި ކަމަށާއި، މިކަމަށް ކަނޑައަޅާފައިވާ ބަޖެޓަށް އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ކުންފުނިން ހާމަކުރެއެވެ.
"މިހާރު މިކުރާ މަސައްކަތް މިކުރަނީ ކުންފުނީގެ ޚަރަދުގައި. މިކަމުން ބަޖެޓް އިތުުރު ނުވާނެ. ޓްރެކް ނިންމާފައި އަޅުގަނޑުމެން ހައުސިން މިނިސްޓްރީއާ ޓްރެކް ހަވާލުނުކުރަން އަދި. އެކަމަކު މޫސުން މިހާރު މިއޮތް ގޮތަށް އޮވެއްޖެ ނަމަ ދިހަ ވަރަކަށް ދުވަހުން މަސައކަތް ނިމި ބޭނުން ކުރަން ފެށޭނެ" ޕްރޮޖެކްޓް މެނޭޖަރ ޙުސެއިން ހަމީދު ވިދާޅުވިއެވެ.
ސުނާމީ ބިނާ މައިޒާނުން ފެށިގެން ރަސްފަންނު ހިމެނޭ ގޮތަށް ހަދާ މި ޓްރެކަކީ 700 މީޓަރު ދިގު 1.2 މީޓަރު ފުޅާ ޓްރެކެކެވެ.