ތަރައްްޤީ

ސިފްކޯ ހިޔާގެ މަސައްކަތް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި


ސިފްކޯ ހިޔާ 330 ފްލެޓްތަކުގެ ޢަމަލީ މަސައްކަތްތައް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުޓީ އާދަމް ޝަރީފު ޢުމަރު މިއަދު ބައްލަވާލައްވައިފިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ "ސިފްކޯ ހިޔާ" ސަރަހައްދަށް ޑިފެންސް މިނިސްޓަރ ކުރެއްވި މި ޒިޔާރަތުގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ކުރަމުންދާ ކުންފުނި، އައިލެންޑް އެކްސްޕާޓްގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި ފުލެޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ދާގޮތާއި ބެހޭގޮތުން ވަނީ މަޢުލޫމާތު އޮޅުން ފިލުއްވާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ތިން ބުލޮކަކަށް ޢީމާރާތް ކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކުގެ، ބުލޮކް އޭގެ ފައުންޑޭޝަންގެ މަސައްކަތް ނިންމައި، ކޮލަމްތައް ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި ބްލޮކް ބީގެ މެޒަނިންގ ފުލޯރގެ ޕާކިންގ އޭރިއާގެ ސުލެބް އަޅާނިމި، އަދި ނުނިމި ހުރި 10 ކޮލަމް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މީގެއިތުރުން، ސީ ބުލޮކްގެ ފައުންޑޭޝަން މަސައްކަތާއި ގްރައުންޑް ފުލޯރގެ ކޮލަމްތަކުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. ސިފްކޯހިޔާ ފުލެޓްގެ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ދަނީ ކުރެވެމުންނެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހުޅުމާލޭ "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދަށް ކުރެއްވި މި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު ޒުހައިރު އާއި ސިފްކޯބޯޑުގެ ޗެއަރމަން ކާނަލް ޢަބްދުލްމަތީން އަޙުމަދާއި މިލިޓަރީ އިންޖިނިއަރސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އަޙުމަދު ޝާރިމް ބައިވެރިވެވަޑައިގެންނެވިއެވެ.