އެމެރިކާއާއި ޔަހޫދީން ގުޅިގެން މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހުޅުގަނޑު މުޅި ސަރަޙައްދަށް ފެތުރެމުންދާތީ، ފަރަންސޭސިވިލާތުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް އެ ޤައުމުގެ އަސްކަރީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވަން ނިންމައިފިއެވެ. މި ކަން އިޢުލާނު ކުރައްވަމުން ރައީސް އިމަނުއެލް މެކްޚްރޮން ވިދާޅުވީ، ފަރަންސޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޝާލެ ދެ ގޯލް ހިމެނޭ ގޮތުގައި ޖުމުލަ އަށް މަނަވަރު މެދުއިރުމައްޗަށް ފޮނުވުމަށް ނިންމަވާފައިވާ ކަމުގައެވެ.
ސައިޕްރަސްއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ރައީސާއި ގްރީސްގެ ބޮޑުވަޒީރާއެކު ވާހަކަފުޅު ދައްކަވަމުން މެކްޚްރޮން ވިދާޅުވީ، ފަރަންސޭސިވިލާތުން ފޮނުވާ މަނަވަރުތައް މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން ރަތް ކަނޑާއި، އިސްތިރާޖީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގައި ހަރަކާތްތެރިވާނެ ކަމުގައެވެ. މިއީ، ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކަށް ދެވޭ ޙަމަލާތަކުން ދިފާޢުވުމަށް އެޅި ފިޔަވަޅެއް ކަމަށާއި، "ސައިޕްރަސްއަށް ދެވޭ ކޮންމެ ޙަމަލާއަކީ މުޅި ވިލާތަށް ދެވޭ ޙަމަލާއެއް"ގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވެސް މެކްޚްރޮން ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ސައިޕްރަސްގައި ހުންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށް ދާދިފަހުން ދީފައިވާ ޑްރޯން ޙަމަލާއަށެވެ.
އީރާނުން ދަނީ އެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތް ކުރުމަށް ރައްދު ޙަމަލާ ދެމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފު ޢަރަބި ޤައުމުތަކުގައި ޤާއިމުކޮށްފައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެމެރިކާގެ މަޞްލަޙަތުތަކަށެވެ. އަދި، ހުރްމުޛް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. ހަނގުރާމައިގެ ތެރެއިން ޔަހޫދީން ވަނީ ލުބްނާން ވެސް ނުރައްކާތެރި ފައްތަރަކަށް ވައްޓައިލާފައެވެ.
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާދޭން ފެށުމާއެކު، ހަނގުރާމައިގެ ނުރައްކާތެރިކަން ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާއިރު، މެކްޚްރޮން ވިދާޅުވީ އީޔޫގެ އިޤުތިޞާދީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައި ހިންގަމުންދާ "އަސްޕީދޭސް"ގެ ނަން ދީފައިވާ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. މި ކަމަށް ތާއީދުކުރައްވައި ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ، ވިލާތުގެ އެއްބައިވަންތަކަން ޢަމަލީ ގޮތުން ދައްކަންޖެހޭ ވަގުތު ޖެހިފައިވާ ކަމުގައެވެ.
ފަރަންސޭސިވިލާތުން މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައިވާ ލަޝްކަރުގައި އަށް އަސްކަރީ މަނަވަރާއި، ހެލިކޮޕްޓަރު އުފުލާ ދެ މަނަވަރުގެ ހިމެނޭނެއެވެ. މެކްޚްރޮން ފާހަގަކުރެއްވި ގޮތުގައި، އެ ޤައުމުގެ އަމާޒަކީ އީރާނުގެ ރައްދު ޙަމަލާތަކުގެ ނުރައްކާ އޮތް ޤައުމުތަކުގެ ދިފާޢުގައި ސާބިތުވެ އޮތުމެވެ. އަދި، ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދަނޑިވަޅު ނިމުމާއެކު، ހުރްމުޛް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދީ، ކަނޑު ދަތުރުފަތުރުގެ މިނިވަންކަން އަލުން އިޢާދަކުރުމަށް ފަރަންސޭސިވިލާތުން އިސްކަން ދެއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.