މިދިޔަ މަަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 11.8 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
މިރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް 11،853،554 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދަޢުލަތަށް ލިބުނު 5،939،935 ރުފިޔާއާއި އަޅާ ބަލާއިރު 99.5 އިންސައްތަ އިތުރު އަދަދެކެވެ.
މިއާއެކު، އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 17,909,069 ރުފިޔާ ވަނީ ދަޢުލަތަށް ލިބިފައެވެ.
މުދަލު ޒަކާތުގެ ނިޞާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، ޑިސެމްބަރު 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައެވެ.
ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި، ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.