ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން މެދުއިތުމަތީގައި ތެޔޮ އުފައްދާ މިންވަރު ބޮޑުތަނުން މަދުކުރަން މަޖުބޫރުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭނެ ކަމަށް އިޢުނާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ ބަންދުކުރުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ.
އެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން މިހާރު ވަނީ އެ ޤައުމުން ހަނގުރާމައިގެ ކުރިން ތެޔޮ ބަންދުކުރަމުން ދިޔަ މިންވަރު ގާތްގަނޑަކަށް 2.5 މިލިޔަން ފީފާއިން މަދުކޮށްފައެވެ. އެކުވެރި ޢަރަބި އިމާރާތުން ވެސް ވަނީ ކުރިން ތެޔޮ ބަންދުކުރަމުން ދިޔަ މިންވަރު 500،000އާއި 800،000 ފީފާއާ ދެމެދުގެ ޢަދަދަކުން މަދުކޮށްފައެވެ.
ކުވައިތުން ވެސް ވަނީ އެ ޤައުމުގައި ތެޔޮ ބަންދުކުރާ މިންވަރު ބައި މިލިޔަން ފީފާއިން މަދުކޮށްފައެވެ. ހަނގުރާމައިގެ ކުރިން އެ ޤައުމުން ދިޔައީ ދުވާލެއްގެ މައްޗަށް 2.6 މިލިޔަން ފީފާގެ ތެޔޮ އުފައްދަމުންނެވެ. އެ ޤައުމުގެ ދައުލަތުގެ ތެޔޮ ކުންފުނި، ކުވައިތު ޕެޓްރޯލިއަމް ކޯޕޮރޭޝަން، ކޭޕީސީއިން ބުނީ އެ ނިންމުން ނިންމާފައި ވަނީ ތެލުގެ ދާއިރާއަށް ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރުމަށާއި މެދުކެނޑުމެއްނެތި ވިޔަފާރި ކުރިއަށް ގެންދެވޭނެ މަގެއް ޔަޤީންކުރުމަށް ކަމަށެވެ.
ހަނގުރާމައިގެ ކުރިން ޢިރާޤުގެ ތެޔޮދަނޑުތަކުން ދިޔައީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 4.3 މިލިޔަން ފީފާގެ ތެޔޮ ބަންދުކުރަމުންނެވެ. ނަމަވެސް ހުރުމުޒް ކަނޑުއޮޅި ބަންދުުކުރުމާ ގުޅިގެން ޢިރާޤުން ދުވާލެއްގެ މައްޗަށް ތެޔޮ ބަންދުކުރާ މިންވަރު ވަނީ 2.9 މިލިޔަން ފީފާއިން މަދުކޮށްފައެވެ. ޢިރާޤުގެ ދައުލަތުގެ ތެޔޮ ކުންފުނި، ބަސްރާ އޮއިލް ކޮމްޕެނީ (ބީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ ސާފުނުކުރާ ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ އެންމެ ގިނަ މިންވަރަށް ގުދަންތަކުގައި ތެޔޮ ފީފާތައް ރައްކާކޮށްފައިވާ ކަމަށެވެ. މިހާރު އުފައްދަމުންދާ ތެލަކީ ޢިރާޤުގެ ރިފައިނަރީތަކަށް ފޯރުކޮށްދިނުމަށް އުފައްދާ ތެޔޮ ކަމަށް އޭނާ ވިދާޅުވިއެވެ.