ގައުމީ ޓީމަށް އިރުޝަދުދެމުން އަންނަ ހަންގޭރީގެ ކޯޗު އިސްތަވާން އުރްބާނީގެ އަމާޒަކީ ފުރިހަމަ ޓީމެއް ބިނާކުރުންކަމަށް އޭނާ ބުނެފިއެވެ.
2012 ވަނަ އަހަރު ރާޖްޕަކްސަ އިންވިޓޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމަށް ހޯދައިދިން ކޯޗު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިމަހުގެ 23 އިން އަންނަމަހުގެ 3 ގެ ނިޔަލަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނައިރު، އޭނާގެ އެންމެ ބޮޑު އަމާޒަކީ އެކަތިގަނޑެއްގެ ގޮތުގައި ކާމިޔާބާށް މަސައްކްތަކުރާނެ ހަގީގީ ޓީމެއް ބިނާކުރުންކަމަށެވެ.
އެގޮތުން އަމާޒާއި އެއްގޮތަށް ހަގީގީ ޓީމެއް ބިނާކުރެވިއްޖެނަމަ، ޓީމުގެ ފެންވަރު މަތިކޮށް، ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްކުރެވޭނެކަމަށް އޭނާ ބުންޏެވެ.
"ޓާގެޓަކީ ޓީމެއް ފޯމްކުރުން. މޮޅަކީ ޔަގީންކުރެވޭނެ ކަމެއް ނޫން އެކަކަށްވެސް. އަބަދުވެސް ލެވެލް މަތިކޮށް ކާމިޔާބަށް މަސައްކަތްކުރެވޭނީ. އެހެންވީމަ ޓީމެއްގެ ގޮތުގައި ޓީމެއް ތައްޔާރުކުރުމަކީ މުހިންމު ކަމެއް. ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭ ނަމަ ކޮންމެ ކުޅުންތެރިއެއްގެވެސް އަސްލު ފެންވަރު ފެނިގެންދާނީ. ވަކިވަކިން އުޅޭނަމަ ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ" އުރްބާނީ ބުންޏެވެ.
ފުރިހަމަ ޓީމެއް ބިނާވެގެންދާނީ އެކަތިގަނޑެއްގެ ގޮތުގައި ކުރެވޭ މަސައްކަތަށްކަމަށްވާއިރު، ރާއްޖޭގެ ޒުވާން ޓީމަކީ ހުނަރުވެރި ޓީމެއްކަމަށް ކޯޗު ފާހަގަކުރިއެވެ. ޝައުގުވެރިކަމާއިއެކު ހިތްވަރުކޮށް، ޓީމެއްގެ ގޮތުގައި ކާމިޔާބީ ހޯދޭނެކަމަށް ގައުމީ ކޯޗު ބުނެފައިވެއެވެ.
"މިއީ ވަރަށް ހަގު ކުދިންތަކެއް. އަހަންނަށް ފެނޭ މިކުދިންނަށް މިކަންވާނެކަން. މީހުން ބުނާނެ ހުނަރުގެ ވާހަކަ. އެކަމު އެއީ އެންމެ އެކަށީގެންވާ ބަސްކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ. އެކަމަށް ހުންނަ ޝައުގުވެރިކަމާއިއެކު ބުރަކޮށް މަސައްކަތްކޮށް ކާމިޔާބު ހޯދުމަކީ އަހަންނަށް ގަބޫލުކުރެވޭ ގޮތަކީ" އުރްބާނީ ބުންޏެވެ.
2009 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ގެންގޮސްދިން ކޯޗު އިތުރަށް ބުނެފައިވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭކަމީ ވަރަށް ޚާއްސަ އުފަލެއް އެކަމުގައި އެކުލެވޭކަމެއްކަމަށެވެ.
ދިވެހިންނަކީ އަބަދުވެސް ގައުމީ ޓީމާއި އެކު ތިބޭބަޔަކަށްވާއިރު، ސަޕޯޓަރުންގެ ހިތްވަރަކީ ޓީމުގެ ރޫހަށް ދިރުންގެނުވާ މުހިންމު ބަހާއެއްކަމަށް ކޯޗު ސިފަކުރިއެވެ. އަދި މި ފުރުސަތުގެ ބޭނުން ސަޕޯޓަރުން ހިފާ، ޒުވާން ގައުމީ ޓީމުގެ ކުޅުން ދެކިލާ، ފުޓުބޯޅައިގެ އަރަމުން އަންނަ ޖީލުގެ ކުޅުން ތަޖުރިބާކޮށްލުމަށް ސަޕޯޓަރުންގެ ކިބައިން ކޯޗުވަނީ އެދިފައެވެ.
"އަމިއްލަ ގައުމުގައި ކުޅެން ލިބުމަކީ ވަރަށް ޚާއްސަ ކަމެއް. އެކަމުގެ ސަބަބުން މޮޅުވާން ހިތްވަރު ލިބޭ، މުޅިން ތަފާތު ރޫހެއް އާލާކޮށްދޭ. ރާއްޖޭގައި ގައުމީ ޓީމު ކުޅޭ ކޮންމެ ފަހަރަކީ މުޅި ގައުމު އެކަމުގައި ބައިވެރިވާ ފަހަރެއް. މިއީ ވަރަށް ރަނގަޅު ފުރުސަތެއް. ފުޓުބޯޅަ އަރަމުން އަންނަ ޖީލުގެ ކުޅުން ދެކިލުމަށް. ރާއްޖޭގައި މިމުބާރާތް ކުޅުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ކޯޗު ބުންޏެވެ.
ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން 20 އަހަރުންދަށުގެ ގައުމީ ޓީމު މިވަގުތު ސިންގަޕޫރުގައި ކޭމްޕުކޮށްފައެވެ.
ތަމްރީނުތައް ހެދުމަށްފަހު ސިންގަޕޫރުގައި ގައުމީ ޓީމު ހޭދަކުރި މުއްދަތުގައިވަނީ އެގައުމުގެ ޒުވާން ޓީމާއި އެކު ވަނީ ދެ މެޗު ކުޅެ އެއް މެޗު ކާމިޔާބުކޮށްފައެވެ. މި ކޭމްޕަކީ މުބާރާތުގެ ކުރިން ޓީމު ފޯމަކަށް އަޅުވާލުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށް ކޯޗު ފާހަގަކޮށްފަވެއެވެ. މިކޭމްޕަށް ސިންގަޕޫރަށް ޓީމު ފުރާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ޓީމު އެނބުރި ރާއްޖެ އަންނާނެއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ 23 މާޗް ވާ ހޯމަ ދުވަހުގެ 20:30 ގައި ސްރީލަންކާއާއި ވާދަކުރުމަށެވެ.
އެއަށްފަހު 25 މާޗުގައި ބޫޓާނާއި ދެކޮޅަށް ކުޅުމަށްފަހު، ތިން ވަނަ މެޗުގައި ނޭޕާލާއި ދެކޮޅަށް ނުކުންނާނީ މާޗްމަހުގެ 27 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ރާއްޖެ ވާދަކުރާނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީލަންކާއެވެ.
ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2024 ވަނަ އަހަރު ނޭޕާލުގެ ލަލިތުޕޫރުގައެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ނޭޕާލު 4-1 ގެ ފަރަގަކުން ބަލިކޮށްގެންނެވެ.