ތަރައްްޤީ

ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެވަނީ ނަމޫނާ ދައްކާފަ


އދ ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 51 އަހަރުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ނަމޫނާ ދައްކާފައިވާކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ދިވެހި ރާއްޖެ އދ ގެ މެމްބަރު ޤައުމަކަށްވިތާ 51 އަހަރުފުރުމާ ގުޅިގެން ފޮނުއްވި ޚާއްސަ މެސެޖްގައެވެ.

ދިވެހިރާއްހެ އ.ދގެ މެމްބަރަކަށްވީ 21 ސެޕްޓެމްބަރު 1965ގައެވެ. ރާއްޖެފަދަ ކުޑަ ޤައުމަކުން އ.ދގައި ބައިވެރިވުމުން، ރާއްޖެއަށް އ.ދގައި އަދާކުރެވިދާނެ ދައުރާ މެދުގައިވެސް ސުވާލު އުފެދުނެވެ. އެހެންނަމަވެސް  މިވޭތުވެދިޔަ 51 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއިންމިވަނީ އ.ދގެ މެމްބަރު ޤައުމެއްގެ ޙައިސިއްޔަތުން ތަފާތުތަކެއް ދައްކާ، ގިނަ ކުރިއެރުންތަކެއް ޙާސިލްކޮށްފައެވެ.

ފޮރިން މިނިސްޓަރ ޑރ. ޢާސިމްގެ މެސެޖްގައި ވިދާޅުވެފައިވަނީ ދުނިޔެ ރަނގަޅު ތަނަކަށް ހެދުމުގައި ކުދި ޖަޒީރާ ޤައުމުތަކަށްވެސް ތަފާތު ދެއްކިދާނެކަން ދިވެހި ރާއްޖެއިން ސާބިތުކޮށްދީފައިވާކަމަށެވެ.

މިނިސްޓަރގެ މެސެޖުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގެ އިތުރުން، އެޤައުމުތަކަށްވެސް އެކި ކަންކަމުގައި ބަސްބުނެވޭނެކަން ދިވެހި ރާއްޖެއިން ސާބިތުކޮށްދީފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ވާހަކަ މިއަދު މުޅި ދުނިޔެއިން ދައްކަމުންދާއިރު، މީގެ 29 އަހަރު ކުރިން 1987ގައި ދިވެހި ރާއްޖެއިން މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައިވާކަން މިނިސްޓަރގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަށް، ދިވެހި ރާއްޖެއިން، ޚާއްސަކޮށް މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ، ޗެމްޕިއަން އޮފް ސްމޯލް އައިލެންޑް ސްޓޭޓްގެ ހައިސިއްޔަަތުން ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމެންޓް ތަސްދީޤުކުރުމަށް ކުރަމުންދާ މަސައްކަތުގައި އިސް ދައުރެއް އަދާކުރުމަށް ދިވެހި ރާއްޖެއަށް ފުރުޞަތު ލިބިފައިވާތީ އެކަމާ ފަޚުރުވެރިވާކަމަށްވެސް މި މެސެޖުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރގެ މެސެޖުގައި އދގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ހޯދާފައިވާ އަދި ހޯދަމުންދާ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންނާއި މައިންގެ ޢަދަދު މަދު ކުރެވިފައިވުމާއި، ރާއްޖޭގައި މީހުން މަރުވާ ނިސްބަތް، ނުވަތަ ލައިފް އެކްސްޕެކްޓެންސީ ރޭޓް ދަށްކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ހިންގުމުގެ ދާއިރާއާއި ޑިމޮކްރަސީ ކުރިއެރުވުމުގައިވެސް އދ އިން ވޭތުވެދިޔަ އަހަރުތަކުގައި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައިވޭ. އދ ގެ އެހީތެރިކަމާއިއެކު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއި، ސާސްކަފުގެ ލަނޑުދަނޑިތައް ހާޞިލް ކުރުމުގައި އދ ގެ ފަރާތުން ލިބިފައިވާ އެހީތެރިކަންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ދުނިޔެ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް އދ އާއިއެކު ދިވެހި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރގެ މެސެޖުގައި ދެއްވާފައިވެއެވެ.