ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލު ގެނަސްފައެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން 1 އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ.
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން
— Ministry of Construction, Housing & Infrastructure (@MoCImv) March 11, 2026
އިއުލާނު: https://t.co/QqmBhIG1dV
އުސޫލު: https://t.co/OwK3fqj4mA pic.twitter.com/Y9a4izIDbB
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ތެރެއިން، މީގެ ކުރިން ޝާއިޢުކޮށްފައިވާ އުސޫލަށް ގެނައި މި އިސްލާޙާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މި ކެޓަގަރީން ބޯހިޔާވަހި ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މި ހިންގާ މާރިޗު މަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓު ކުރެވިފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން [email protected] އަށް އީމެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.