އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މި މެޗު އެއްވަރުވުމާއިއެކު ލީގު ހޯދުމަށް ސިޓީ އިން ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު އުނދަގޫ ތަކާއި ކުރިމަތިވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ސިޓީ އަށް 61 ޕޮއިންޓް ލިބިފައިވާއިރު އާސެނަލް އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް ލިބިފައިވަނި 70 ޕޮއިންޓެވެ. އެހެންކަމުން ދެ ޓީމުގެ ދެމެދުގައިވަނީ 9 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ފަސްދޮޅަސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ސިޓީ އިން ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 31 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އުމަރު މަރްމޫޝް ދިން ޕާހަކުން ބަނާޑޯ ސިލްވާ އެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ވެސްޓްހޭމްގެ ކޮންސްޓަންޓިނޯސް މަވްރޮޕަނޯސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ވެސްޓްހޭމް އަށް ލިބުނު ޕެނަލްޓީ ޖެރޮޑް ބޮވެން ނެގިއިރު އޭނާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ވެސްޓްހޭމް ވަނީ 102 ދުވަހަށްފަހު ފުރަތަމަ ފަހަރަށް ރެލީގޭޝަން ޒޯނުން ސަލާމަތްވެފަ އެވެ. އަދި މިއީ ސިޓީ އާއި ދެކޮޅަށް އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން ލިބުނު ހަތަރުވަނަ ޕޮއިންޓެވެ.
މެންޗެސްޓަރ ސިޓީ އިން ދެން ޕްރިމިއާ ލީގުގައި މެޗެއް ކުޅޭނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ޗެލްސީ އާއި ދެކޮޅަށެވެ. ނަމަވެސް އަންނަ އަންގާރަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް އާއި ދެކޮޅަށް ސިޓީ އަމިއްލަ ދަނޑުގައި ކުޅޭނެ އެވެ.