ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި، އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާ ދިނުމުގެ ފުރިހަމަ ޙައްޤު އީރާނަށް ލިބިގެންވާ ކަމުގައި ވިދާޅުވެ، އީރާނަށް ޙަމަލާ ދިނުމަށް އެހީތެރިވާ ޤައުމުތަކަށް ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އެމެރިކާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޢަރާޤިޖީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގައި ބުނެ އެމެރިކާ ސަރުކާރުން ފަތުރަމުންދަނީ ދޮގު މަޢުލޫމާތުތަކެއް ކަމުގައެވެ. އަދި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ބޭނުމަކީ މުޅި ދުނިޔެ އީރާނާ ދެކޮޅު ކުރުން ކަމުގައެވެ. އަދި، އެމެރިކާގެ ބޭނުމަކީ އީރާނަކީ ބައިނަލްއަޤުވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅާ ޤައުމެއްގެ ގޮތުގައި ދެއްކުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޢަރާޤިޖީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ނުވާ ކަމުގައެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައިވާ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް އެ ސަރަޙައްދުން ދަތުރުކުރުމުގެ އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އީރާނުގެ މުހިންމު ތެޔޮ މަރުކަޒު ކަމުގައިވާ ޚާރިޤަށް އެމެރިކާއިން ދީފައިވާ ޙަމަލާތަކާ ގުޅޭގޮތުން ޢަރާޤިޖީ ވިދާޅުވީ، އެ ރަށަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ނުހަނު ކައިރީގައި އޮތް އަސްކަރީ މަރުކަޒުތައް ބޭނުން ކޮށްގެން މި ފަދަ ޙަމަލާތައް ފޮނުވުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، ޙަމަލާ އަންނަ ކޮންމެ ތަނަކަށް އީރާނުން ވަރުގަދަ ރައްދު ޙަމަލާއެއް ދޭނެ ކަމުގައި އޭނާ އިންޒާރު ދެއްވިއެވެ. އަދި، އެމެރިކާއަށް އެހީތެރިވާ ކޮންމެ ޤައުމަކުން ވެސް މީގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމުގައި އޭނާ ހަރުކަށި އިބާރާތުން ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޚާރިޤުގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައެވެ. އަދި، އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅާނަމަ، އީރާންގެ ތެލުގެ ސިނާއަތުގެ ބިނާރާއި ވަސީލަތްތަކަށް ޙަމަލާ ދޭނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އީރާނުން %90 ތެޔޮ ބޭރު ކުރާ ރަށަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ %40 އުފުލިފައެވެ. ނަމަވެސް، އީރާނުގެ މީޑިއާތަކުން ބުނަމުންދަނީ ތެޔޮ އެކްސްޕޯޓް ކުރުން މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ މަޞްލަޙަތު އޮތް ތެލުގެ ބިނާރާއި ވަސީލަތްތައް "އަނދާ އަޅިއަށް" ހަދައިލުމުގެ ފުރިހަމަ ޤާބިލުކަން އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އަށް ލިބިގެންވާ ކަމުގައެވެ. މި ހަނގުރާމައަކީ އެމެރިކާއާއި ޞަހްޔޫނީން އިސްވެ ފެށި ޖަރީމާއެއް ނަމަވެސް، މި ހަނގުރާމައިގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.