ދެކުނު ލުބުނާނަށް ޔަހޫދީ އެއްގަމު ސިފައިން އަރައިގަނެ ޙަމަލާތައް ދޭން ފަށައިފިއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒުކުރަމުން ދަނީ ލުބުނާނާއި ޔަހޫދީ ދައުލަތާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ހިމެނޭ ޙިޒްބުاللهއާ ގުޅުންހުރި ތަންތަނަށް ކަމަށްވެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށައި، އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އަވަހާކޮށްލައިފައެވެ. އެއާއެކުއީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން މާރިޗު މަހުގެ 2ވަނަ ދުވަހު ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ. އަދި މީގެ ކުރިން ޙިޒްބުاللهގެ މުޖާހިދުން އެ ސަރަޙައްދަކުން ފައިބައިފައިވާ ދެކުނު ލުބުނާނަށް ސަރަޙައްދަށް ޙިޒްބުاللهގެ ޚާއްޞަ އަސްކަރީ ފައުޖެއް ފޮނުވައިިފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޙިޒްބުاللهގެ ބާރު ހިނގާ ލުބުނާނުގެ ސިޓީއެއް ކަމަށްވާ ޚިއާމްއަށް ޔަހޫދީން ތިން ވައިގެ ޙަމަލާ ދީފައިވެއެވެ. ޚިޔާމްއަކީ ދެކުނު ލުބުނާނަށް ވަނުމަށް އޮތް މައި ދޮރާއްޓެކެވެ. ޚިޔާމް އޮންނަނީ އިސްތިރާޖީ ގޮތުން މުހިންމު، އުސް ސަރަޙައްދެއްގައެވެ. ޚިޔާމް ސަރަޙައްދުގައި ޙިޒްބުاللهއާއި ޔަހޫދީން ދަނީ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންނެވެ.
އޭގެ އިތުރުން ލުބުނާނުގެ ޔާޠިރުއަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. އަދި ދެކުނު ލުބުނާނުގެ ބުރޫޖު ޤަލޫޔާއާއި ސުލްޠަނިޔާއާއި ޗަގްރާގައި ޙަމަލާ ދީފައިވެއެވެ. އޭގެ އިތުރުން ގަންތާރާއާއި އައްސަވާނާ އަވަށުގައި ވެސް ޔަހޫދީން ޙަރަކާތްތެރިވެފައިވެއެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މިހާތަނަށް ލުބުނާނުގެ 800،000އަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. އަދި ޙަމަލާތަކުގައި މިހާތަނަށް 850އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 107 ކުޑަކުދިންނާއި 66 އަންހެނުން ހިމެނެއެވެ.