ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާއި ވިލާތުގެ އިއްތިޙާދުގެ އިތުރުން ދުނިޔޭގެ ބާރުތަކުގެ ކިބައިން އެދުނު އެދުމަށް ވިލާތުގެ ގިނަ ޤައުމުތަކަކުން ދެކޮޅުހަދައިފިއެވެ.
ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ ޔަހޫދީ ދައުލަތާއި މެދުއިރުމަތީގައި އޮތް އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާ ދެމުންނެވެ. ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި ނުވާނެ ކަމުގައި އީރާނުން ބުނަމުން ދިޔަ ނަމަވެސް، އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރާއި، މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް އެ ކަނޑުއޮޅި ހުރަސް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމުގެ އީރާނުން ވަނީ އިންޒާރު ދީފައެވެ. ޓްރަމްޕް ބޭނުންފުޅުވަނީ އެ ކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ އިއްތިޙާދެއް އެކުލަވައިލައްވައި، ކަނޑުގެ ސިފައިންގެ ލަޝްކަރެއް ހުރްމުޒު ކަނޑުއޮޅިއަށް ޖަމާ ކުރުމަށެވެ.
އެ ކަމަށް ބާރު އެޅުއްވުމުގެ ގޮތުން ޓްރަމްޕް ދާދިފަހުން ވަނީ ނޭޓޯގެ މެންބަރުންނަށް އިންޒާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުރްމުޒް ހުޅުވަން ނޭޓޯގެ މެންބަރުން ވޮޝިންގްޓަނަށް އެހީތެރިކަން ފޯރުކޮށްނުދީފި ނަމަ، އެ އިއްތިޙާދުގެ މުސްތަޤުބަލު "ވަރަށް ގޯސް" ވާނެ ކަމުގައެވެ. ނޭޓޯއާއި އީޔޫގެ އިތުރުން ހުރްމުޒަށް މަނަވަރުތައް ފޮނިވައިދިނުމަށް އެދި ޓްރަމްޕް ވަނީ ޗައިނާއާއި ޖަޕާންގެ ކިބައިން ވެސް އާދޭސް ދަންނަވާފައެވެ.
ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފޫލް ވަނީ ހުރުމުޒު ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ އެއްވެސް އަސްކަރީ ޙަރަކާތެއްގައި އެ ޤައުމުން ބައިވެރިނުވާނެ ކަމަށް ވިދާޅުވެފައެވެ. ނޭޓޯގެ ކަނޑުގެ ސިފައިން ހުރުމުޒް ސަރަޙައްދަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލައްވާފައިވާ ގޮވާލުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ނޭޓޯއިން އެ ކަމާ ގުޅޭ އެއްވެސް ނިންމުމެެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.
ގްރީސްގެ ސަރުކާރުގެ ތަރުޖަމާނު، ޕަހްލޮސް މަރީނަކީސް ވިދާޅުވީ ގްރީސްއިން ވެސް ހުރުމުޒު ކަނޑުއޮޅިގައި ހިންގާ އަސްކަރީ ޙަރަކާތެއްގައި ބައިވެރިނުވާނެ ކަމަށެވެ. އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންތޯންޔޯ ތަޔަނީ ވިދާޅުވީ ހުރުމުޒް ސަރަޙައްދާ ހަމައަށް ފޯރާނެ އެއްވެސް ކަނޑުމަތީ ސިފައިންގެ ޙަރަކާތެއްގައި އެ ޤައުމުން ބައިވެރިނުވާނެ ކަމަށެވެ. ސްޕެއިންގެ ނިންމުމަކީ ވެސް މިއީއެވެ. ސްޕެއިންގެ ސަރުކާުރުން ބުނީ މި ވަގުތު އިސްކަން ދޭންވީ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި އަސްކަރީ ޙަރަކާތުގެ މައްޗަށް ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް އެ ޤައުމުން ބާރުއަޅާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ޑެންމާކުގޭ ޚާރިޖީ ވަޒީރު، ލާސް ލާކޭ ރަސްމޫއެން ވިދާޅުވީ އީރާނާ ހަނގުރާމަ ކުރުމަށް އެެމެރިކާއާއި ޔަހޫދީން ނިންމި ނިންމުމަށް ވިލާތުން ތާއީދު ނުކުރި ނަމަ ވެސް ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް އެހީތެރިވުމަށްޓަކައި ޓްރަމްޕްގެ ހުށަހެޅުމާ މެދު ވިސްނުން ރަނގަޅު ކަމަށެވެ.
އިނގިރޭސިވިލާތުން ބުނީ ހުރުމުޒު ކަނޑުއޮޅި އަލުން ފުރިހަމައަށް ހުޅުވާލައި، މިނިވަންކަމާއެކު މެދުއިރުމަތީގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރޭވުމެއް އެކުލަވައިލުމުގައި އިނގިރޭސިވިލާތުން ބައިވެރިވަމުންދާ ކަމަށެވެ. ނަމަވެސް އެ ކަން ޙާޞިލް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެ ޤައުމުން ބުނެފައިވެއެވެެ.