ޚަބަރު

ގަވާއިދާއި ހިލާފުވުމުން ޗެލްސީ 10 މިލިއަން ޕައުންޑުން ޖުރިމަނާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ އިން ކުޅުންތެރިން ގަނެވިއްކުމުގެ ގަވާއިދާއި ހިލާފުވެފައިވާތީ 10 މިލިއަން ޕައުންޑުން ޖުރިމަނާކޮށް ކުޅުންތެރިން ނުގަނެވޭ ގޮތަށް އަދަބު ދީފި އެވެ.

ޗެލްސީ 10 މިލިއަން ޕައުންޑުން ޖުރިމަނާ ކޮށްފައިވާއިރު މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ކްލަބެއް މިހާ ބޮޑު އަދަދަކުން ޖުރިމަނާކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބެއް ޖުރިމަނާ ކޮށްފައިވާ އެންމެ ބޮޑު އަދަދަކީ 2007 ވަނަ އަހަރު ވެސްޓްހޭމް ޔުނައިޓެޑް 5.5 މިލިއަން ޕައުންޑުން ޖުރިމަނާ ކުރުމެވެ.

ޗެލްސީ ޖުރިމަނާ ކޮށްފައިވާއިރު އެ ކްލަބުގެ އެކަޑަމީ އަށް ކުޅުންތެރިން ނުހޯދޭ ގޮތަށް 9 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

ޕްރިމިއާ ލީގުން ބުނެފައިވާ ގޮތުގައި ޗެލްސީ 20 މިލިއަން ޕައުންޑުން ސަސްޕެންޑް ކުރި ނަމަވެސް އޭގެ 50% މައާފު ކޮށްފައިވަނީ އެމައްސަލަ އެ ކްލަބުން އަމިއްލަ އަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. ޗެލްސީ އިން މިކަން ޕްރިމިއާ ލީގުގެ ސަމާލުކަމަށް ގެނެސްފައިވަނީ އެ ކްލަބުގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަތުން ކްލަބް ގަތް ޓެޑް ބޮއެލީގެ ކޮންސޯޓިއަމުންނެވެ.

ޗެލްސީ އަށް މި ފިޔަވަޅު އަޅާފައިވަނީ 2011 އިން 2018 އާއި ދެމެދު އެ ކްލަބުން ކުޅުންތެރިން ހޯދުމުގައި ރަޖިސްޓަރ ކޮށްފައިނުވާ އެޖެންޓުންގެ އިތުރުން ތިންވަނަ ފަރާތަކަށް ޖުމްލަ 47 މިލިއަން ޕައުންޑް ދީފައިވާ މައްސަލައިގަ އެވެ.

ޕްރިމިއާ ލީގުގެ ރިޕޯޓްގައި ވާގޮތުން ޗެލްސީ އިން ތިންވަނަ ފަރާތަކަށް އިތުރު ފީއެއް ދައްކާފައިވަނީ އެ ކްލަބަށް ގެނައި ކުޅުންތެރިން ކަމުގައިވާ އެޑެން ހަޒާޑް, ރަމިރޭސް, ލުއިޒް, ސެމުއެލް އެޓޫ, ވިލިއަން, ނެމަންޖާ މަޓިޗްގެ އިތުރުން އެންޑްރޭ ޝޫލޭ ހޯދުމުގަ އެވެ.

މި މައްސަލައިގައި ޗެލްސީ އަށް ޖުރިމަނާ އަކާއި ކުރިމަތިލާން ޖެހުނުއިރު ޕްރިމިއާ ލީގުން އެ ކްލަބުގެ ޕޮއިންޓް އުނިކޮށްފައެއް ނުވެއެވެ. ނަމަވެސް ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި ހިލާފުވެގެން 2024 ވަނަ އަހަރު އެވަޓަން އާއި ނޮޓިންހަމް ފޮރެސްޓްގެ ޕޮއިންޓްތައް ވަނީ އުނިކޮށްފަ އެވެ.