ޚަބަރު

ޔަހޫދީންގެ އަނިޔާ، އަޤްޞާ މިސްކިތުގައި ޢީދު ނަމާދު ނުކުރެވުނު


  • ޔަހޫދީން އަޤްޞާ ބަންދުކުރީ ފެބުރުވަރީ 28 ވަނަ ދުވަހު

  • އަޤްޞާއަށް މިސްކިތަކީ މުސްލިމުން އެންމެ މުޤައްދަސް ބިނާތަކުގެ ތެރޭ ހިމެނޭ ތަނެއް

އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތުގައި 59 އަހަރަށް ފުރަތަމަ ފަހަރަށް ޢީދު ނަމާދު ކުރުމަށް ޔަހޫދީ ދައުލަތުން ހުރަސް އަޅައިފިއެވެ. ޔަހޫދީން އަޤްޞާ މިސްކިތަށް މުސްލިމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރީ ރޯދަ މަހުގެ ތެރޭގައެވެ.

އިސްލާމީ އުއްމަތުގެ ތިން ވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައި ބަލާ، މަސްޖިދުލް އަޤްޞާއަކީ ގިނަ އަދަދެއްގެ މުސްލިމުން ޒިޔާރަތްކޮށް ނަމާދު ކުރާ މިސްކިތެކެވެ. ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މި މިސްކިތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު ތަރާވީސް ކުރުމާއި ޢީދުނަމާދުވެސް މެދުކެނޑުމެއް ނެތި ކުރަމުން އައި މިސްކިތެކެވެ. ނަމަވެސް ޔަހޫދީން އަބަދުވެސް މިތަނަށް އަތްގަދަ ކުރުމަށް މަސައްކަތްކޮށް އެތަނަށް ދާ މީހުންނަށް އަނިޔާކުރެއެވެ. މިކަންތައް ބޮޑުވެ، މިހާރު އަޤްޞާ މިސްކިތައް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މީހުންނަށް ނުވަދެވޭ ގޮތް ޔަހޫދީން ވަނީ ހަދާފައެވެ.

އަޤްޞާ މިސްކިތަށް މީހުންނަށް ނުވަދެވޭ ގޮތަށް ހުރަސް އެޅީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ އެމެރިކާއާއި ޔަހޫދީން އީރާނަށް ޢުދުވާނީ ޙަމަލާ ދިން ދުވަހުއެވެ. ޔަހޫދީން އަޤްޞާ މިސްކިތަށް ވަނުން މަނާ ކުރީ ސަލާމަތީ ސަސަބުތަކަށް ކަމަށް ބުނެއެވެ. އޭގެ ފަހުން މިއަދުގެ ފިޠުރު ޢީދު ނަމާދު ކުރުމުގެ ފުރުސަތުވެސް ދީފައި ނުވެއެވެ. މިއީ އަޤްޞާ މިސްކިތުގައި 1967 ވަނަ އަހަރު ފަހުން ޢީދު ނަމާދު ނުކުރާ ފުރަތަމަ ފަހަރެވެ. އޭރު އަޤްޞާ ބަންދުވީ އަރަބި ޤައުމުތަކާއި ޔަހޫދީންނާއި ދެމެދު ކުރެވުނު 6 ދުވަހުގެ ހަނގުރާމައާއި ހެދިއެވެ.

މަސްޖިދުން އަޤްޞާއަށް މީހުންނަށް ހުރަސް އަޅަމުންދާ މައްސަލަ ދިވެހި ސަރުކާރުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެކަމާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުޤައްދަސް ބިނާކަމުގައިވާ އަޤްޞާ މިސްކިތައް ވަނުން ހަނިކުރުމަކީ، ޔަހޫދީންގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިއީ އަޤްޞާ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ދީނީ މުހިންމުކަމަށް އުނިކަން ލިބޭގޮތަށް ގަސްތުގައި ހިންގާ ޢުދުވާނީ އަމަލެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ މައްޗަށް އޮތް 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ޙާލަތަށް ބޯނުލަނބާ، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އަރައިގަތުންތަކަށް ޔަހޫދީ ދައުލަތް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން އަޤްޞާ މިސްކިތަށް އަތްގަދަކޮށް އެތަން ސުންނާފަތި ކުރުމަށް އެކި ދުވަސްވަރު އެކި ފެންވަރުގައި މަސައްކަތްކޮށްފައިވެއެވެ. އަދި ޔަހޫދީންގެ ވެރިން މިކަމަށް ގޮވާލަމުންދެއެވެ.