ޚަބަރު

ސްޕޯޓްސް ފިޝިން ބަނދަރުތައް: ޕްރޮފޯސަލްތައް އިވެލުއޭޝަން މަރުހަލާގައި


  • 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ގާއިމްކުރާނެ

  • މިއަހަރު މެނޭޖްމަންޓް ޕްލޭން އެކުލަވާލެވޭނެ

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް، ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އުވެލުއޭޓުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށާއި، އެ ޞިނާޢަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްޤީކުރެވޭ ދާއިރާއެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި މި ސިނާއަތް ސިންދަފާތުކުރުމަށްވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުގެ މި ސިޔާސަތު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ޒުވާނުންގެ މެދުގައި މަޤުބޫލުވަމުންދާ "ސްޕޯޓްސް ފިޝިންގ" ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ފުޅާކުރުމުގެ މަސައްކަތެވެ. އެގޮތުން ސްޕޯރޓްސް ފިޝިންއަށް ޚާއްސަކޮށްގެން 5 ސަރަހައްދެއްގައި ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އެއީ ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި 5 ސަރަހައްދުގައި ބަނދަރުތައް ތަރައްޤީކުރުމަށް ޕްރޮޕޯސަލް ލިބި މިހާރު އިވެލުއޭޝަން މަރުހަލާ ފަށައިގެން ކުރިއަށްދާކަމަށެވެ.

މި ބަނދަރުތަކަކީ ހަމައެކަނި މަސް ބާނާ ތަންތަނެއް ނޫނެވެ. އެތަންތަން ނިމިގެންދާއިރު މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ހިންގާނެ އޮފީސްތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބާބަކިޔު ހެދުމުގެ އިންތިޒާމްތައްވެސް ޤާއިމްކުރެވިގެންދާނެއެވެ.

ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސްޕޯޓްސް ފިޝިންއަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭންތައްޔާރުކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބާއްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި އޭގެ ބައްދަލުވުންތައް ބާއްވައި މެނޭޖްމަންޓް ޕްލޭން އެކުލަވާލެވޭނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މުނިފޫހިފިލުވުމުގެ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގ ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ކަނދުފައްޗެވެ. އެހެންކަމުން ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެހެން އެެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ގިނަ މަސައްކަތްތަކެއް މި ސަރުކާރުގެ މިވީ މުއްދަތުގައި ކޮށްފައިވެއެވެ. އެގޮތުން، ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލުގެނެސް، އޭގެ އުމުރު ދިގުކުރުމަށް ތަފާތު އެކި ދިރާސާތައްކޮށް ކަނދުފަތިތަކުގެ ޑިޒައިންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.