ޚަބަރު

ޖަމާޢަތްތެރިންނަށް ޚާއްސަ މާލީ އިނާޔަތެއް


  • ކޮންޓިނިއުޓީ އެލަވްނަސްގެ މިންވަރަކީ ދުވާލަކަށް 200 ރުފިޔާ

  • ޖަމާޢަތްތެރިންގެ ގޮތުގައި ބަލަނީ ޖޮބް މެޓްރިކްސްގައި ހިމެނޭ މަޤާމުތައް

ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުތަކުގެ ދަށުން ޖަމާޢަތްތެރިންނަށް ޚާއްސަ މާލީ އިނާޔަތެއް ކަނޑައަޅާ، އުސޫލު އާންމުކޮށްފިއެވެ.

މި މިންގަނޑުގެ ދަށުން ޖަމާޢަތްތެރިންގެ ގޮތުގައި ބަލަނީ ދައުލަތުގެ ޕޭ ފްރޭމްވާކްގައި ހިމެނޭ ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ހިމެނޭ މަޤާމުތަކަށެވެ.

ޖަމާޢަތްތެރިންގެ ކޮންޓިނިއުޓީ އެލަވަންސްއަކީ، ޖަމާޢަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވާކްގައި ކަނޑައަޅާފައިވާ މަސައްކަތު ގަޑި ފުރިހަމަކުރުމަށްފަހު، އެދުވަހެއްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތުގެ ހޭދަކުރަންޖެހޭ މުވައްޒަފުންނަށް އެ ދުވަހަކަށް ކަނޑައަޅާފައިވާ އެލަވަންސެކެވެ. ޖަމާޢަތްތެއިންގެ ކޮންޓިނިއުޓީ އެލަވްނަސްގެ މިންވަރަކީ ދުވާލަކަށް 200 ރުފިޔާއެވެ.

މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން މައުލޫމާތުދޭގޮތުގައި، ޖަމާޢަތްތެރީންގެ މަސައްކަތް ގުޅިފައިވަނީ ކިފާޢަތުގެ ފަރުޟެއް އަދާކުރުމަށް ކަމުގައިވާތީ، އެ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތް ކަނޑައަޅާފައިވަނީ އެކަމަށް ރިޢާޔަތްކުރުމާއެކީގައި ކަމަށެވެ.

ޖަމާޢަތްތެރިންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ އެ މަގާމުތަކުގެ މުހިންމުކަމާއި، ޚާއްސަ ސިފަތަކަށް ރިއާޔަތްކޮށް ކަމުގައިވާތީ، އެ މުވައްޒަފުންގެ މަސައްކަތު ވަގުތު ކަނޑައަޅަންވާނީ އާންމު އެހެން މުވައްޒަފުންނާ ތަފާތުކޮށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މަގާމުގެ ޒިންމާތައް އަދާކުރާ ވަގުތަކީ މަސައްކަތުގެ ވަގުތުގެ ގޮތުގައި އޮންނަ ގޮތަށްކަމާއި، އެކަމުގެ ތަފްސީލުތައް ކަނޑައަޅާނީ އެ އިދާރާއަކާއި ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެންކަމަށް ބަޔާންކޮށްފައިވެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާގޮތުން، ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް، ޖަމާއަތްތެރިންގެ މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭންވާނެއެވެ. އަދި މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާ ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ޚިދުމަތް ކުރުމުން، އެއިން ކޮންމެ ދުވަހަކަށްވެސް ހާޒިރީ އިނާޔަތް ދޭންވާނެއެވެ.