ތަޢުލީމު

އައިޔޫއެމްގެ ދިރާސީ މަހާސިންތާ އޮގަސްޓުގައި


  • ރަޖިސްޓްރީ ކުރުމުގެ ސުންގަޑި 15 ޖުލައި

  • ވޯކްޝޮޕް އޮންނާނީ 29 އޯގަސްޓުގައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ބާއްވާ ޢިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ އޮގަސްޓު މަހު ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) އަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިރާސީ މަހާސިންތާއެކެވެ. މިއީ އިލްމުވެރިންނާއި، ރިސާޗަރުން އަދި ދަރިވަރުންނަށް ތަފާތު އިލްމީ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށް، ޒަމާނީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މަހާސިންތާއެކެވެ.

މިއަހަރުގެ މަހާސިންތާއާގުޅޭ މައުލޫމާތުދެމުން ޑިީން ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަން، ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވީ، 11 ވަނަ އައިސީއައިއޭ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 30 އިން 31ގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ މަހާސިންތާގެ މައިގަނޑު ޝިޢާރަކީ ދެމެހެއްޓެނިވިި ތަރައްޤީއަށްޓަކައި އުނގެނުމުގެ މުޖުތަމަޢުއެއް ބިނާކުރުމެވެ.

އައި.ސީ.އައި.އޭ.ގެ މައިގަނޑު އަމާޒަކީ:

• ރާއްޖޭގައި ރިސާޗް އަދި އިންޓެލެކްޗުއަލް އިންކުއަރީގެ ސަގާފަތެއް ކުރިއެރުވުން
• ޚިޔާލު ބަދަލުކުރުމަށް ރާއްޖެއާއި ބޭރުގެ އިލްމުވެރިން އެއްތަނަކަށް އެއްކޮށް
• ޢިލްމީ ދިރާސާތަކާއި ޕޮލިސީ އެކުލަވާލުމާއި އާ ދެމެދު އޮތް ފަރަގު ކުޑަކުރުން

މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ރިސާޗރުންނާ ދަރިވަރުންނަށް، މިކޮންފަރެންސްއަށް ޚާއްސަ ވެބްސާއިޓު މެދުވެރިކޮށް ދިރާސީ ކަރުދާސްތަކުގެ ތެރެއިން އެއް ކަރުދާސް ނުވަތަ ޕޯސްޓަރު ހުށައެޅޭނެއެވެ. މީގެ އިތުރުން، އިނގިރޭސި، ދިވެހި ނުވަތަ އަރަބިބަހުން ދިރާސީ ކަރުދާސް ތައްޔާރުކޮށް ހުށައެޅޭނެ ކަމަށް އައިޔޫއެމުން ވިދާޅުވެއެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މިހާސިންތާ ފުރަތަމަ ތިން އަހަރު ބާއްވާފައިވަނީ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އެވޭކިނިންގެ ނަމުގައެވެ. އަދި 2019ވަނަ އަހަރު މަހާސިންތާ ރީބްރޭޑުކުރުމަށްފަހު، މިހާރުގެ ނަމަށް ބަދަލުކުރެވުނެވެ.

މަހާސިންތާ ބާއްވާނެ ތާރީޙު މިހާރު އިޢުލާންކޮށްފައިވާއިރު، އެބްސްޓްރެކްޓް އަދި ފުލް ޕޭޕަރ ހުށަހެޅުމުގެ ސުންގަޑިއަކީ 15 މެއިއެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 15 ޖުލައިއެވެ. މަހާސިންތާއާ ގުޅުވައިގެން ބާއްވާ ވޯކްޝޮޕް 29 އޮގަސްޓުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އައިޔޫއެމުން ވިދާޅުވެއެވެ. މިވޯކްޝޮޕްތަކުގައި އެބްސްޓްރަކްޓް ލިއުމާއި، ކަރުދާހެއްގެ އިންޓްރޮޑަކްޝަނާއި، މެތޮޑޮލޮޖީ، ފައިންޑިންގްސް ލިއުން، ޑިސްކަޝަން ލިއުންފަދަ ކަންކަން ކުރިއަށްދާނެއެވެ.