ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ އެ ބޭންކުގެ 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކުރުމަށް ބޯޑު މެންބަރުންގެ މެދުގައި މިއަދު ބޭއްވި ޖަލްސާގައެވެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް އެމްއައިބީން ވިދާޅުވެއެވެ. އެއާއެކު މިއަހަރު، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ޖެހޭނެކަމަަށްވެސް އެމްއައިބީން ވިދާޅުވެއެވެ. މީގެ އިތުރުން ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަށް ބަލާއިރު 2025 ވަނަ އަހަރުގެ ޑިވިޑޭންޓް ޕޭއައުޓް ރޭޝިއޯއަކީ %35 ކަމުގައި އެ ބޭންކުން ވިދާޅުވެއެވެ. އަދި، މިއީ 2024 ވަނަ އަހަރުގައި ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު %25.81 ގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބަހާފައިވަނީ 4.58 ރުފިޔާއެވެ.
ހިއްސާގެ ފައިދާ ބެހުމާއި ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. އެ ބޭންކުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންކަމް ޓެކްސް ޤާނޫނުގައިވާ ގޮތުގައި ނޮން ރެޒިޑެންޓް ހިއްސާދާރުންނަށް %10ގެ ވިތްހޯލްޑިންގ ޓެކްސެއް ނެގިދާއެވެ. ނަމަވެސް މިއީ ރެޒިޑެންސީ ސްޓޭޓަސް ޑެކްލެއަރ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސެކެވެ. އެހެންކަމުން އެ ބޭންކުން ރެޒިޑެންސީ ސްޓޭޓަސް ވީހާވެސް އަވަހަކަށް ޑެކްލެއަރ ކުރުމަށް ބާރުއަޅައެވެ.
މިދިޔަ އަހަރަކީ އެމްއައިބީއަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ހާމަކުރެއެވެ. އަދި، މިއަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އެމްއައިބީން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރެވެ.