ނޭޕާލް ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމާއެކު މާދަމާ ބާއްވަން ނިންމި އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކޮށްފި އެވެ.
ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ތިން މަސް ދުވަހަށް ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރި ކަމުގެ ލިޔުން ލިބިފައިވާ ކަމަށާއި މިހެންވެ އިންތިހާބު ފަސްކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަލުން އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާނު ކުރާނީ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ.
މި ސަސްޕެންޝަނާ ގުޅިގެން ނޭޕާލަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ސަސްޕެންޝަނެއްގެ އައުމަކީ ވެސް ގާތް ކަމެކެވެ. ނަމަވެސް ފީފާއިން އަދި މިކަމާގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
ފީފާގެ ސަސްޕެންޝަނެއް އައުމުގެ ކުރިން ނޭޕާލް ސްޕޯޓްސް ކައުންސިލުން ވަނީ އެކަމާ މެދު ވެސް ވާހަކަ ދައްކައިފަ އެވެ. އެ ކައުންސިލުން ބުނީ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ކުޅިވަރާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ ދެ ވަނަ ނުކުތާގެ ދަށުގެ ދަށުން ކަމަށާއި ނޭޕާލްގައި ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބަން އެންގުމަކީ ފީފާގެ ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް މިއީ ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ގަބޫލު ކިރާ ގޮތެއް ނޫނެވެ. އެ އެސޯސިއޭޝަނުން ބުނެފައިވަނީ ތިން ވަނަ ފަރާތަކުން ފުޓްބޯޅައިގެ ކަންކަމަށް ބާރު ނުފޯރުވަން ފީފާއިން އަބަދުވެސް އަންގާ ކަމަށާއި ސަސްޕެންޝަނެއް އަތުވެއްޖެނަމަ އެކަމުގެ ޒިންމާ އެސޯސިއޭޝަނުން ނަގަން ނުޖެހޭނެ ކަމަށެވެ.
ނޭޕާލް ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅިގެން އުފެދިފައިވާ އަރައިރުމެއްގަ އެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލުން ބޭނުންވަނީ އެ ގައުމުގެ ޑިސްޓްރިކްޓް ތަކުގެ މެދުގައި އިންތިހާބު ބޭއްވުމަށްފަހު ނޭޕާލް ފުޓްބޯލަ އެސޯސިއޭޝަނުގެ އިންތިހާބު ބޭއްވުމަށެވެ. އަދި މިކަމަށް އެއްބާރުލުން ނުދޭނަމަ އެ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތަކަށް އެއްބާރުލުން ނުދޭން ވަނީ ނިންމާފަ އެވެ.
ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރުގެ ރައިސް ޕަންޖާކް ބިކްރަމް ބޭނުންފުޅުވަނީ މި އިންތިހާބު ހަތަރު އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ބޭއްވުމަށެވެ. ބިކްރަމް ވިދާޅުވީ މިއީ ބާރުވެރިކަމުގައި ހުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ އާ ޒިންމާތަކަކާއި އާ ހިޔާލުތަކަކާއެކު އައު ދައުރެއް ފަށައިގަތުމަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ތިން ދުވަސް ކުރިން ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ރެވެނިއު އިންވެސްޓިގޭޝަން އިން ވަނީ ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.