ޚަބަރު

ޖައިލަމްގެ މަރާ ގުޅިގެން ހޯދި މީހާ ފުލުހުންނާ ޙަވާލުވެއްޖެ


މިދިޔަ އަހަރު ކުރީކޮޅު ތޫނު އެއްޗަކުން ޙަމަލާދީ މަރާލި ހ. ހަންރެޑްފްލާވަރ ޖައިލަމް އަޙްމަދު ޝާކިރުގެ މަރާ ގުޅިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ޙަވާލުވެއްޖެއެވެ.

ޖައިލަމްގެ މަރާ ގުޅިގެން ފުލުހުން ހޯއްދަވަމުން ގެންދެވީ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުޙައްމަދު ހުމައިދުއެވެ. މީނާ ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމަށްފަހު މީނާ ފުލުހުންނާ ޙަވާލުވެފައިވަނީ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާރު އެނާ މާލެ ގެނެސް، ބަންދަށް 15 ދުވަސް ކޯޓުން ދެއްވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގުރޫޕަކުން ޙަމަލާދީ ހ. ހަންރެޑްފްލަވަރ ޖައިލަމް އަޙްމަދު ޝާކިރު މަރާލި މައްސަލާގައި ދައުލަތުން 3 މީހެއްގެ މައްޗަށް އުފުއްލެވި ދަޢުވާގެ ޝަރީއަތްތައްވެސް ވަނީ ފަށްޓަވާފައެވެ. މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސަޢީދާއި، ވ. ސިނަމާލޭ ފްލެޓް އިސްމާޢީލް އަނީގާއި، ޏ. ފުވައްމުލައް ޖަމްނާ ޢަލީ އިރުފާނުގެ މައްޗަށެވެ.

މީގެތެރެއިން އިސްމާޢީލު އަނީގުގެ މައްޗަށް، ތޫނު އެއްޗަކުން ޙަމަލާދީ ޤަޞްދުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުއްލައްވާފައިވާއިރު އަނެއް 2 މީހުންގެ މައްޗަށް އުފުއްލަވާފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި 3 މީހުންވެސް ވަނީ ދައުލަތުގެ ދަޢުވާއަށް އިންކާރުކޮށްފައެވެ.