ޚަބަރު

"މިރަމަޟާންމަހު ޢުމުރާގެ ހުރިހާކަމެއް ނިމިގެންދިޔައީ ވަރަށް ފުރިހަމައަށް"


  • ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާވަނީ ތައްޔާރީތައްވެފައި

  • ޢުމްރާވެރިންގެ ފަރާތުން އިތުބާރާއި ޔަގީންކަންދަނީ ލިބެމުން

މިރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މީހުން ގެންދިޔުމަށް ކުރެވުނީ ކާމިޔާބު މަސައްކަތެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އެކޯޕަރޭޝަނުންވަނީ ދެގްރޫޕަކަށް ބަހާލައިގެން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މީހުން ގެންގޮސްފައެވެ.

ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ މުޅި ރަމަޟާން މަހު ޢުމްރާގައި ހޭދަކުރި ގްރޫޕެވެ. ރަމަޟާން މަހުގެ ފަހު 15 ގެ ޢުމްރާވެރިން މައްކާއަށް ގޮސްފައިވަނީ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން އަލްއަބްރާރުން ޢުމުރާއަށް ގެންދަން ފައިސާ ނެގުމަށްފަހު އުމުރާއަށް ނުގެންދިޔަ 40 އަށްވުރެގިނަ ޢުމްރާވެރިންނާއެކު 600 އަށްވުރެ ގިނަ ޢުމްރާވެރިންވަނީ މިރަމަޟާން މަހު ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ޢުމްރާގެ އިންތިޒާމުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ކަންކަން މިދިޔަ އަހަރުގެ ރަމަޟާން މަހަށްވުރެ ރަނގަޅަށް ކުރިއަށްގެންދެވިފައިވާކަމަށެވެ.

"މިދިޔަ އަހަރާ އަޅާ ބަލާއިރު މަދީނާ ދަތުރާއި ރައުޟާގެ ޒިޔާރަތަށް ބަލާއިރުވެސް އެންމެ ފުރިހަމައަށް ކަންކަން ހަމަޖެހިގެންދިޔަ. އެގޮތުން ރައުޟާއަށް ބަލާއިރު ހުރިހާ އެންމެންނަށް ވަދެވުނު. މިދިޔަ އަހަރުގެ ރަމަޟާން މަހު ބައެއް ކުދިކުދި މައްސަލަތައް ދިމާވި، އަޅުގަނޑުމެން މިހެންދިމާވާ ކޮންމެ
މައްސަލައެއްގައި ބަލަނީ ކުރިއަށް އޮތްތަނުގައި އެކަން ތަކުރާރު ވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަމަށް އިސްކަންދީގެން." ޢަލީ ޝަރީފް ވިދާޅުވިއެވެ.

މިރަމަޟާން މަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދިޔަ ޢުމްރާވެރިންނާއި، ކޯޕަރޭޝަނުން މައްކާގައި ޚިދުމަތް ފޯރުކޮށްދޭ އެކި ފަރާތްތަކާއެކު ގާތްގަނޑަކަށް 1200 އެއްހާ މީހުންގެ ކެއިންބުއިންވަނީ ޙައްޖު ކޯޕަރޭޝަންގެ މައްކާ ބަދިގޭގައި ހަމަޖައްސާފައެވެ. އެކަމަށްޓަކައި ބަދިގެ ޓީމު ބޮޑުކޮށް އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުވަނީ އަންހެނުންނަށްވެސް ފުރުސަތު ދީފައެވެ.

ހަމައެއާއެކު މައްކާގައި ޤާއިމުކޮށްފައިވާ ކްލިނިކަށް ބަލާއިރު ހުމާއި ރޯގާ ޖެހިގެން ދިޔަ ގިނަ ބަޔަކަށްވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ކައިރި ހޮޓެލްތަކުގައި ތިބި އެހެން ގްރޫޕްތަކުގެ ދިވެހީންވެސް ހިމެނެއެވެ. އާންމުގޮތެއްގައި މިއަހަރުގެ ރަމަޟާން މަހު ކޯޕަރޭޝަންގެ ޢުމްރާވެރިންގެ ޞިއްޙީ ދުޅަހެޔޮކަން އެހެން އަހަރުތަކާއި އަޅާ ބަލާއިރުވެސް ރަނގަޅުކަން ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ހަމައެއާއެކު ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ބާއްވާފައިވާ ދަރުސްތަކުގައިވެސް ގިނަބަޔަކު ބައިވެރިވެފައިވާއިރު ކޯޕަރޭޝަނުން އިތުރަށް ޢުމްރާވުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުތަކުގައި ޢުމްރާވުމަށް އެދުނު ފަރާތްތައްވެސް ނިސްބަތުން އެހެން އަހަރުތަކަށްވުރެ އިތުރުކަން އެކޯޕަރޭޝަނުން ފާހަގަކުރައްވައެވެ. ޠާއިފްގެ ދަތުރަށް ބަލާއިރު ރަމަޟާން މަހާ ދިމާކޮށް އާންމުކޮށް 100 އެއްހާ މީހުން ދިޔަނަމަވެސް މިފަހަރު 400 އަށްވުރެ ގިނަ ޢުމްރާވެރިންވަނީ ޠާއިފްގެ ދަތުރުގައިވެސް ބައިވެރިވެފައެވެ. ޖުމްލަގޮތެއްގައި ދަތުރުގެ ހުރިހާކަމެއްވެސް އަމާން އޮމާން ކަމާއެކު ގެންދެވިފައިވާއިރު ޢުމްރާވެރިން މިހާރުވަނީ ފުރަން ފަށާފައެވެ.