ހައްދުފަހަނައެޅި ޔަހޫދީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނުގެ މިނާބުގައި ހިންގަމުން އައި އަންހެން ކުދިންނަށް ޚާއްސަ ސްކޫލަކަށް ދިން ޙަމަލާ ދިވެހިރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭން މި ޙަމަލާ ކުށްވެރި ކުރީ، އދގެ އިންސާނީ ޙައްގުތަކާބެހޭ މަޖިލީހުގެ 61ވަނަ ސެޝަނުގެ ތެރެއިން ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމުގެ ތެރެއިން އިއްވެވި ބަޔާނުގައެވެ. އެގޮތުން 168 ކުޑަކުދިން މަރާލި މި ޙަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ޙަމަލާތަކެއްކަން ރާއްޖޭން ފާހަގަކުރިއެވެ.
އީރާނުގެ ޝަޖަރެ ތައްޔިބެ ސްކޫލަށް ދިން ނިރުބަވެރި ޙަމަލާއާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމުގައި ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، އީރާނަށް އެމެރިކާއާއި ޔަހޫދީ އިސްރާއީލުން ދޭން ފެށި ޙަމަލާއާ ގުޅިގެން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ޑރ. ސަލްމާ ވިދާޅުވީ، ޔަހޫދީ ދައުލަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް މިހާރުވެސް އަމަލުކުރަމުންދާ ސްޓޭޓް ޓެރަރިޒަމަށް ހިތްވަރުދޭ ދައުލަތަކަށްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ދައުލަތުން ކަމަށެވެ. އަދި އެ ދައުލަތުން މިފަދަ އަމަލުތައް އިތުރުކުރަނީ، އެ ދައުލަތާ މެދު ފިޔަވަޅު ނާޅާތީ ކަމަށާއި އެކަމަށް ނިމުމެއް އަންނަންޖެހޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭން ވަނީ، މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ޙަމަލާތަކުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މި ކުއްލި ބައްދަލުވުމަކީ، އދގެ އިންސާނީ ޙައްގުތަކާ ބެހޭ މަޖިލީހުން މިހަފުތާއަށް ތާވަލު ކުރި ދެވަނަ ކުއްލި ބަހުސްއެވެ.