ހއ. ވަށަފަރު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ. ވަށަފަރުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.
މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށްކަމަށް ސިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. ވަށަފަރުގައި ޤާއިމްކުރި ލެބޯޓްރީއަކީ މިހާތަނަށް ޤާއިމްކުރި 16 ވަނަ ލެބޯޓަރީއެވެ.
ވަށަފަރުގައި ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ވަށަފަރު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވަށަފަރުގައި މި ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ، އެރަށުގެ ސިއްޙީ މަރުކަޒުގެެ އެސްއެމްޓީއާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ޙައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.