ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، ސަރުކާރުގެ ރޭޓިން ދުވަހެއް ދުވަހަކަށް ދަށްވުމުން، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ މަހަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެންދިޔުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވެފައިވަނީ އުނދަގޫ ޙާލަތެކެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފެބްރުއަރީ 28ގައި އީރާނަށް ޙަމަލާދޭން ފެށީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުގެ އިސްވެރިން ޝަހީދުކޮށްލައި، އައު ސަރުކާރެއް ޤާއިމުކުރެވޭނެކަމުގެ ޢުއްމީދުގައެވެ. ނަމަވެސް، ޓްރަމްޕް ލަފާކުރެއްވި ވަރަށް ވުރެ، އީރާނުގެ އަޒުމް ވަރުގަދައެވެ.
މި ނިރުބަވެރި ޢުދުވާނުގެ ރައްދު އީރާނުން ވަރުގަދައަށް ދެމުންދަނީ، ޑްރޯނާއި މިސައިލް ޙަމަލާތަކުގެ އިތުރުން، މުޅި ސަރަޙައްދުގެ ތެލާއި ގޭހުގެ ސަޕްލައި ތާށިކޮށްގެންނެވެ.
އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރަމުންދާއިރު، ޓްރަމްޕަށް ވަނީ ހުރިހާ ދިމާއަކުން ފިއްތުންތައް ކުރިމަތިވެފައެވެ. އެއާއެކު މަޝްވަރާގެ ތެރެއިން މި ހަނގުރާމަ ނިމުމަކަށް ގެންނަވަން ބޭނުންފުޅުވާ ކަމުގެ އިޝާރާތްތައް ތަކުރާރުކޮށް ދެއްވަމުން ޓްރަމްޕް ގެންދެވިނަމަވެސް، މި ހަފްތާގެ ނިމިގެން ގޮސްފައިވަނީ އެކަމަށް އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.
އީރާނުން ވެސް ދޫނުދޭނެކަމަށް ބުނަމުންދާއިރު، މަޝްވަރާގެ ތެރެއިން ޙައްލެއް ހޯދުމުގެ ޢުއްމީދުގައި ޓްރަމްޕް ވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދިނުން ވެސް މަޑުޖައްސާލައިފައެވެ.
މަޝްވަރާގެ މޭޒަށް އީރާނު އަންނަން މަޖުބޫރުކުރުވުމުގެ ގޮތުން، ބިރު ދެއްކުމަށްޓަކައި، އީރާނަށް އެއްގަމުން ޙަމަލާ ދިނުމަށް ތައްޔާރުވުމަށްޓަކައި އެމެރިކާގެ އެތަކެއް ހާސް ސިފައިން މެދުއިރުމައްޗަށް ޖަމާކުރަން ވަނީ ނިންމަވައިފައެވެ.
މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ކޮންމެ ދިމާއަކުން ބެލިނަމަވެސް، ޓްރަމްޕަށް އޮތީ އުނދަގޫ ޙާލަތްތަކެކެވެ. އޭގެ އެންމެ މައިގަނޑު ސަބަބަކީ، މި ހަނގުރާމަ ނިމޭއިރު، އެމެރިކާއަށް ޤަބޫލުކުރެވޭނެ ނަތީޖާއަކީ ކޮބައިކަން ސާފުނުވުމެވެ.
މިކަމުގައި ޓްރަމްޕަށް ކުރެއްވިދާނެ އެއް ކަމަކީ، ތަޖުރިބާކާރުން ޤަބޫލުކުރައްވާ ގޮތުގައި، އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް އިތުރު ޙަމަލާތައް ދިނުމަށްފަހު، ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް އިޢުލާނުކުރެއްވުމެވެ.
ނަމަވެސް، އެ ގޮތަށް ޢަމަލުކުރެއްވުމަށް ވެސް ޓްރަމްޕަށް އޮތް ހުރަހަކީ، ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތުމެވެ. އަދި މެދުއިރުމަތީގެ ތެލާއި ގޭސް އުފުލާ މައި މަގު އެކީގައި ހުޅުވުމުގެ ކުރިން، ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް އިޢުލާނުކުރައްވަން ޓްރަމްޕަށް އުނދަގޫވާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް، އީރާނާއެކު ސުލްޙަވުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން، ޓްރަމްޕް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އީރާނަށް ހުށަހަޅުއްވާފައެވެ. ޕާކިސްތާން މެދުވެރިކޮށް ޓްރަމްޕް ފޮނުއްވި މި ހުށަހެޅުމުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަށާއި، ބެލިސްޓިކް މިސައިލް ޕުރޮގުރާމު މަޑުޖައްސައިލުމަށް ޝަރުޠުކޮށްފައިވެއެވެ. އީރާނުން ބާރުއަޅަމުން ދަނީ ސުލްޙައިގެ އެއްބަސްވުމުގައި ލުބްނާން ވެސް ހިމަނައި، އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވެސް ހުއްޓުމަކަށް ގެނައުމަށެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ އިޤުތިޞާދީ އަދި މާލީ ބުރަ ދުނިޔޭގެ ހުރިހާ ރައްޔިތުން އުފުލަންޖެހުމަކީ އިންސާފެއް ނޫންކަމަށް ބުނެ، ގިނަ ޤައުމުތަކުން ދަނީ އެމެރިކާއާ މެދު ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.
މި ހަނގުރާމަ ފެށި ފަހުން، އީރާނުން ދިން ޙަމަލާތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ 13 މީހަކު މަރުވެ، 300އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އެކަމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ ސަރުކާރާ މެދު ހިތްހަމަނުޖެހުން ދަނީ އިތުރުވަމުންނެވެ.