ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1933 ވަނަ އަހަރުއެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީ އެކުލަވާލައި، އެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން އޭރު ހުންނެވި ރަދުން އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933ވަނަ އަހަރު މާރޗް 29ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު 93 އަހަރު ވެގެންދާއިރު އެ ޚިދުމަތަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. އެ މުއައްސަސާ ވުޖޫދުވެގެން އައީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން އުފެދުނު "ފުލުހުން މީހުންގެ ޤާނޫނު" އާއެކުގައެވެ. މި ޚިދުމަތް 1933ވަނަ އަހަރުގެ މާޗު މަހުގެ 29ވަނަ ދުވަހު ފެށީ މާލޭގެ 4 އަވަށަށް ބަހާލާގޮތަށް އެންމެ 120 މީހުންނާއެކެވެ. މިއަދު މުޅި ރާއްޖެއަށް ފެތުރިފައިވާ މި ޚިދުމަތުގައި އެތައް ހާސް ފުލުހުން ދަނީ ޚިދުމަތް ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުވި ނަމަވެސް އެޚިދުމަތް އޭރު ދެމުން އައީ ސިފައިންނާ އެއް ފުރާޅެއްގެ ދަށުންނެވެ. ދެ ޚިދުމަތުގެ މަސައްކަތްތައް 1960ވަނަ އަހަރު ވަކިވީ "ސިފައިންގެ އޮފީސް / ތަހުޤީޤާއި ބެހޭ ބައި" އުފެދުމާއެކުގައެވެ. އެއަށްފަހު 1972 ވަނަ އަހަރު ސިފައިންގެ 12 މީހެއް ސިފައިންގެ ރަޖިސްޓްރީން އުނިކޮށް ފުލުހުންގެ ގޮތުގައި ކަނޑައެޅިއެވެ.
މި ޚިދުމަތް މާލޭގައި ފެށި ނަމަވެސް އަބަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޚިދުމަތް ފުޅާ ކުރުމުގެ ވިސްނުން އޭރުވެސް ގެންގުޅުނެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފުލުހުންގެ ޚިދުމަތް ފުޅާވެގެންދިޔައީ 1993ވަނަ އަހަރު ސ. ގަމުންނެވެ.
ފުލުުހުންގެ ޚިދުމަތާއި ސިފައިން އެއް ފުރާޅެއްގެ ދަށުން ހިންގުމުގެ ދިގު ތާރީޚަކަށްފަހު ދެ ޚިދުމަތް ހަގީގީ މާނައިގައި ވަކިވީ 2004ވަނަ އަހަރުއެވެ. ދާޚިލީ ވުޒާރާގެ ދަށަށް ފުލުހުންގެ ޚިދުމަތް ބަދަލުވެ، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދާ ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ފުލުހުންގެ ދައުރުކަމުގައި ބަޔާންކޮށްފައިވަނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ، އެމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމާއި، ޖިނާއީ ކުށްތައް ތަޙްޤީގު ކުރުމާއި، ހެކިތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މައްސަލަތައް ޝަރީޢަތަށް ހުށައެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމާއި، ޤާނޫނު ނެގެހެއްޓުމެވެ. ފުލުހުންގެ މައްޗަށް ޤާނޫނުން މަތިކުރާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާތަނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާ ކުރުމެވެ.
ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިދިޔަ އަހަރު ކުރި މަސައްކަތްތަކުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ. ކޮންމެ ރަށެއްގެވެސް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި މިއަދު މިވަނީ އެތަކެއް ލުއިތަކެއް ލިބިގެންގޮސްފައެވެ.
ރާއްޖޭގައި އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް މުޖުތަމަޢުގައި ފާހަގަކުރެވޭ އެކި ބާވަތްތަކުގެ ކުށްތައް ހުއްޓުވުމަށާއި އެފަދަ ކުށްތައް ތަހުގީގުކޮށް، ކުށް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެކި ދާއިރާތަކަށް ޚާއްސަކޮށްގެން މިއަދު ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ގޭންގުތަކާއި ޑްރަގް މައްސަލަތަކަށް ޚާއްސަ ބަހާއެއް އުފައްދަވާފައިވާއިރު، މި ފަހަކަށް އައިސް އެންމެ ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތް ސްކޭމް މައްސަލަތައް ހުއްޓުވުމަށް ސްކޭމް ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ނުފޫޒުން އެއްކިބާވެ ރައްޔިތުންނާއި ގާތުން ޚިދުމަތް ދޭ މުއައްސަސާއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނެއިބަރހުޑް ޕޮލިސިން އާއި ކޮމިޔުނިޓީ ފުލުހުންގެ ޚިދުމަތްވެސް ފުޅާދާއިރާއެއްގައި މިހާރު ދަނީ ދެމުންނެވެ.
ފުލުހުންގެ ޚިދުމަތުގެ 93 އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އެ ޚިދުމަތަށް ރައްޔިތުންގެ ކުރާ އިތުބާރު ދެމެހެއްޓުމެވެ. އެ ޚިދުމަތުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް މި އިތުބާރާއި ޔަގީންކަން ދަމަހައްޓައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދީ ދިވެހި މުޖުތަމަޢަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރި، އަމާން މުޖުތަމަޢަކަށް ހެދުމެވެ.