މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އީރާނަށް ޙަމަލާދިނުމަށް އަވައްޓެރި ޤައުމުތަކުގެ ފަސްގަނޑު ބޭނުންކުރިޔަނުދޭން، އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔާން ގޮވާލައްވައިފިއެވެ.
ފެބްރުއަރީ 28ގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ދިފާޢުގައި، އީރާނަށް ޙަމަލާދިނުމަށް ބޭނުންކުރާ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
ޕިޒީޝްކިޔާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އީރާނުން އިސްވެ ޙަމަލާނުދޭނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައިފައެވެ. ނަމަވެސް، އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް ޙަމަލާދޭނަމަ، ވަރުގަދައަށް ރައްދު ދެމުންދާނެކަމުގެ އިންޒާރު އޭނާ މިއަދުވެސް ވަނީ ދެއްވައިފައެވެ.
އެއާއެކު އޭނާ ވަނީ އީރާނުގެ އަވައްޓެރި ޤައުމުތަކަށް ވެސް އިންޒާރެއް ދެއްވައިފައެވެ.
"އަވައްޓެރި ޤައުމުތަކަށް ދަންނަވާލަން އޮތީ، ތަރައްޤީ އާއި ރައްކާތެރިކަން ބޭނުންވާނަމަ، މި ހަނގުރާމަ ކުރިއަށް ގެންދަން، އަވައްޓެރިންގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު އީރާނުގެ ދުޝަމަނުންނަށް ނުދޭށޭ،" އޭނާ ވިދާޅުވިއެވެ.
ނުސީދާ ގޮތުން ވެސް މި ހަނގުރާމައިގައި ބައިވެރިނުވުމަށް އީރާނުން ދަނީ ގަލްފުގެ ޤައުމުތަކަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
މިގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤިޗީ ވެސް ވަނީ އެމެރިކާއާ ދުރަށްޖެހުމަށް ގަލްފުގެ ޤައުމުތަކަށް ގޮވާލައްވައިފައެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ މިހާރު މަހަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ދެމުންދާ ޙަމަލާތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
މިގޮތުން، ސަޢުދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރަކަށް އީރާނުން އިއްޔެ ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިން 12 މީހަކު ވަނީ ޒަޚަމްވެފައެވެ.
ސަޢުދީ ޢަރަބިއްޔާގެ އިތުރުން، ކުވެއިތަށް ވެސް އީރާނުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވެއެވެ.
މިގޮތުން، އިއްޔެ ދިން ޑްރޯން ޙަމަލާތަކުގައި، ކުވެއިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރާޑަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް ބުންޏެވެ.