ޚަބަރު

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޑިޖިޓަލް ކެމްޕެއިނެއް


  • ރާއްޖެއާ ކައިރި މާކެޓްތަކަށާއި ދަތުރުފަތުރުގެ ގުޅުން ބަދަހި ސަރަހައްދުތަކަށް އިސްކަންދޭނެ

  • 100 މިލިޔަން މީހުންނަށް ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ގޫގުލް، ޑީ ވީ.360، ޔޫޓިއުބްއާއި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

"ސީޒޭޝަނަލް ސަމަރ" ގެ ނަމުގައި ކުރިއަށްގެންދާ މި ޑިޖިޓަލް ކެމްޕޭނަކީ، ކުރިއަށް އޮތް އެޕްރީލް، މޭ، ޖޫން އަދި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ޗުއްޓީ ހޭދަކުރުމަށް އިންޓަނެޓު މެދުވެރިކޮށް ހޯދާ ފަރާތްތަކާއި، "ލާސްޓް މިނިޓް" ބުކިންގް ހަދާ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ ބޮޑަށް އިސްކަންދެނީ ރާއްޖެއާ ކައިރި މާކެޓްތަކަށާއި ދަތުރުފަތުރުގެ ގުޅުން ބަދަހި ސަރަހައްދުތަކަށްކަމަށެވެ. މެދުއިރުމަތީގެ މިހާރުގެ މަސްރަހަށް ރިއާޔަތްކޮށް، މި ކެމްޕޭނުގައި ބޮޑަށް އިސްކަންދެނީ ދަތުރުފަތުރުގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށެވެ. އެގޮތުން، އިންޑިއާ، ޗައިނާ، އަދި ރަޝިއާ އަށް ޚާއްސަކޮށްގެން "ހައިޕަރ-ޓާގެޓެޑް" މެސެޖުތައް ފޮނުވުމުގެ އިތުރުން، ސީ.އައި.އެސް އަދި އޭސިއާން ގައުމުތަކަށް އަމާޒުކޮށްގެން ސަރަހައްދީ ކެމްޕޭންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މި ކެމްޕޭނުގެ ޒަރީއާއިން 100 މިލިޔަން މީހުންނަށް ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިކަން ހާސިލުކުރުމަށްޓަކައި ސޯޝަލް މީޑިއާގައި ދެ މަރުހަލާއެއްގެ ސްޓްރެޓެޖީއެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވީއެމްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ ކެމްޕޭނުގެ ސަބަބުން ހަމައެކަނި ރާއްޖެ އިޝްތިހާރު ކުރުމުގެ ބަދަލުގައި، ސީދާ ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޒަމާނީ އެޑް-ޓާގެޓިންގް ބޭނުންކޮށްގެން، ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު ހުށަހެޅުންތައް ފެންނާނެ ގޮތް ހަދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނަކީ ގޫގުލްގެ ސާޗް ޑޭޓާ، ޑީ.ވީ.360 ގެ ޕްރޮގްރެމެޓިކް ގާބިލުކަން، އަދި މެޓާގެ ސޯޝަލް ނެޓްވޯކްތައް ގުޅުވާލައިގެން ހިންގާ މަސައްކަތެކެވެ. މި ކެންޕޭނުގެ ބޭނުމަކީ އޭޝިއާ އަދި ސީ.އައި.އެސް ސަރަހައްދުގެ ފަތުރުވެރިން ޗުއްޓީއަށް ހޭދަކުރާ ތަނެއް އިހްތިޔާރުކުރުމުގައި، ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިޚްތިޔާރު ކުރުވުމެވެ.