ޚަބަރު

އޮޅުވާލައިގެން ފައިސާ ނެގި މައްސަލާގައި ކިންގްސްޓަނަށް ދައުވާ ކުރަނީ


  • މި މައްސަލަ ފުރަތަމަ ފެންމަތިީ 2024 ވަނަ އަހަރު

  • ދައުވާ ކޮށްފައިވަނީ ކުންފުންޏަށާއި އެ ކުންފުނީގެ ވެރިޔާއަށް

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން ކުންފުނީގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސްއިން ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު، މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވިގެން 2024 ވަނަ އަހަރުގެ އޯގަސްޓް 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާއާއި، 8,398.18 (އަށްހާސް ތިން ސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަޙުޤީޤަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާ ކުރުމުގެ މަރުހަލާގައެވެ.

ކިންގްސްޓަން ހޯލްޑިންގްސްގެ މި މައްސަލަ 2024 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވުމާއެކު ފުލުހުން ވަނީ، ސައިކަލު ނެގުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ކަސްޓަމަރުން ފައިސާ ދެއްކިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް އެ ކުންފުނިން ސައިކަލު ޙަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.