ކުޅިވަރު

40 އަހަރު ފަހުން އުއްމީދު ހާސިލްވެ، ވޯލްޑް ކަޕުގެ ފަހު ޖާގަ އިރާގަށް


ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހު ޖާގަ އޭޝިއާ އަށް ނިސްބަތްވާ އިރާގަށް ހޯދައިފި އެވެ.

ފުރަތަމަ ފަހަރަށް 48 ގައުމު ކުޅޭ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ފަހު ޖާގަ އިރާގަށް ލިބުނީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޯފް ފައިނަލުގައި ދެކުނު އެމެރިކާ އަށް ނިސްބަތްވި ބޮލީވިއާ 2-1އިން ބަލިކޮށްގެންނެވެ.

ބޮލީވިއާއިން މޮޅަށް ކުޅެ މެޗު ޑޮމިނޭޓް ކުރި ނަމަވެސް ލީޑް ނެގީ އިރާގެވެ. 10 ވަނަ މިނިޓްގައި އަލީ އަލް ހަމާދީ ޖެހި ގޯލުން ލިބުނު ލީޑް ކެންސަލްވީ ބިލީވިއާގެ މިޑްފީލްޑަރު މޮއިސެސް ޕެނިއާގުއާ 38 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. ނަމަވެސް އިރާގުގެ ކެޕްޓަން އައިމަން ހުސައިން ވަނީ 53 ވަނަ މިނިޓްގައި އިރާގުގެ 45 މިލިއަން މީހުންގެ 40 އަހަރުގެ ހުވެފެނުގައި ކުލަޖައްސައިން ދިން ގޯލު ޖަހައިދީފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގަ އެވެ. މިއީ ތިން ގައުމެއް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އިރާގު ހިމެނެނީ މި މުބާރާތުގައި ފްރާންސާއި ނޯވޭ އާއި ސެނެގާލްއާއެކު ގްރޫޕް އައިގަ އެވެ.

މީގެ ކުރިން އިރާގު ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ މިއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތެވެ. އިރާގު ހިމެނުނީ މެކްސިކޯ އާއި ޕެރަގުއޭ އާއި ބަލްޖިއަމާ އެއް ގްރޫޕެއްގަ އެވެ. މިއިން އެއްވެސް މެޗަކުން އިރާގު މޮޅެއް ނުވެ އެވެ. ޕެރަގުއޭ އަތުން 1-0އިން ބަލިވެ، ބެލްޖިއަމް އަތުން 2-1އިން ބަލިވެ، ފަހު މެޗުގައި މެކްސިކޯ އަތުން ބަލިވީ 1-0އިންނެވެ.

އެމެރިކާ އިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާގު ޓީމު މެޗު ކުޅެން މެކްސިކޯ އަށް ދިޔައީ ވެސް ދަތިތަކާއެކުގަ އެވެ. އެއީ މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވެފައި އޮތުމުން ކޯޗު ގްރެހަމް އާނޮލްޑާއި ޓީމުގެ އެކިއެކު ކުޅުންތެރިން އެކި ގައުމުތަކުގައި ތިބެ އެކަށީގެންވާ ޕްރެކްޓިސް ވެސް ނުކުރެވި އެވެ.
ސަރަހައްދީ ފުޓްބޯލައިގައި އިރާގުގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2007 ވަނަ އަހަރު އޭޝިޔާގެ ޗެމްޕިއަންކަން ހޯދުމެވެ.