ޚަބަރު

އައްޑޫ ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު


  • ހުޅުވާލާފައިވަނީ 15 ފުރުޞަތު

  • މޭ 25ގެ ނިޔަލަށް އިންޓަރންޝިޕަށް އެދި ހުށައެޅޭނެ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު މިވަނީ ފުރުޞުތު ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ހުޅުވާލާފަވަނީ 15 ފުރުޞަތެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި އިންޓަރން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 1 އެޕްރީލް 2026 ދުވަހުން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ 13:00 އާއި ހަމައަށް އެކަމަށް އެދި ފޯމު ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިންގެ ޝަރުތުތަކާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލްތައް ގެޒެޓުގައި ވަނީ ހިމަނާފައެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލްފޮނުވާ ތަރުތީބަށް ކަމަށް އެ ހޮސްޕިޓަލްއިން ވިދާޅުވިއެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ކޮލެޖް ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުންކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުންވެސް އިންޓަރންޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންޓަރންޝިޕަށް އެދި ހުށައަޅާއިރު މެޑިކަލް ކޮލެޖް ނުވަތަ ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް ހިމަނަންޖެހެއެވެ. މި ކޮޕީ ވާންޖެހޭނި މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައިވާ ލިޔުމަކަށެވެ. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއްވެސް ހިމަނަންޖެހޭނެއެވެ.

އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަނެވޭނެކަމަށް އެ ހޮސްޕިޓަލުން ގަޒެޓުކުރި މައުލޫމާތުގައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްވެސް މިހާރު ކުރިއަށްދެއެވެ.