އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ ދުނިޔޭގެ އޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ މީހަކީވެސް އެމީހަކަށް ބޭނުންވާ އަޅާލުމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ މީހެއްކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގޭތެރެއާއި ސްކޫލްތަކުން ފެށިގެން މަސައްކަތުގެ މާހައުލާއި އާންމު ތަންތަނާ ހަމައަށް، އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް އުފެދިގެންދަނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި މާނަހުރި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ތުއްތު އިރުން ފެށިގެން ދޭންޖެހޭ ފަރުވާ ނުވަތަ އަރލީ އިންޓަވެންޝަނާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
On World Autism Awareness Day #WAAD, the Maldives stands with individuals with autism and their families across our islands. #Autism is part of the rich diversity of our communities, and every individual deserves understanding, respect, and equal opportunities to learn, grow,…
— Dr Mohamed Muizzu (@MMuizzu) April 2, 2026
ސަރުކާރުން މިހާރުވެސް ސްކޫލްތަކުގެ އިންކްލޫސިވް އެޑިއުކޭޝަން އޮނިގަނޑު ވަރުގަދަކުރުމަށާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކޮންމެ މީހަކީވެސް އިހުތިރާމާއި، މަޤުޞަދެއް އޮތް، އަދި މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށްޓަކައި، ކަރާމާތާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރުމުގައި ދެމިތިބުމަށް ވަނީ ގޮވާލައްވާފައެވެ.
2007 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން އޭޕްރީލް މަހުގެ 2 ވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅި ފަހުން، އޯޓިޒަމް ހުންނަ ފަރާތްތަކުގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ފުރިހަމައަށް ހޯދައިދިނުމަށާއި، މުޖުތަމައުގައި އެފަރާތްތަކުގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ ވޯއޯޓިޒަމާމެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ ޝިއާރަކީ "އޯޓިޒަމް އަދި އިންސާނިއްޔަތު - ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއް" މިއެވެ.
ފާއިތުވި އަހަރުތަކުގައި މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާއިރު، މީގެ ބޮޑު ހިއްސާއެއް ވަނީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކަށެވެ. އެފަރާތްތަކުން ވަނީ އޯޓިޒަމް ހުންނަ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާތައް ދުނިޔޭގެ ފެންވަރުގެ މަޝްވަރާތަކުގެ ކުރިމައްޗަށް ގެނައުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކޮށްފައެވެ.