ޚަބަރު

އިންތިޚާބުގެ އޮޕަރޭޝަނާއެކު ފުލުހުންގެ ސްޓޭޓަސް ލެވެލް 2އަށް


  • "އޮޕަރޭޝަން ބްލޫ ރޭ" ފެށުމާއެކު ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް "ލެވެލް 2"އަށް ވަނީ ބަދަލުކޮށްފައި

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.
އިންތިޚާބުގެ އޮޕަރޭޝަނާއެކު ފުލުހުންގެ ސްޓޭޓަސް ލެވެލް 2އަށް ވަނީ ބަދަލުކޮށްފައެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތުކުރުމުގައި ރީތި އަޚުލާގާއި، އޯގާތެރިކަން އިސްކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވީނަމަވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިޙްތިރާމުކޮށް، ކޮންމެ މީހެއްގެވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަން ފާހަގަކުރައްވައި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ. މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް "ލެވެލް 2" އަށް ވަނީ ބަދަލުކޮށްފައެވެ.

އެޕްރީލް 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.