ޚަބަރު

ހުރްމުޒްއާ ގުޅޭގޮތުން ހުށަހެޅި ޤަރާރު ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފި


ވިޔަފާރި އުޅަނދުފަހަރަށް ހުރަހެއް ނެތި ހުރުމުުޒު ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަން ޔަޤީން ކުރުމަށް ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލާ އދގެ ޤަރާރެއް ޗައިނާއާއި ރަޝިޔާއިން ވީޓޯކޮށްފިއެވެ.

މަޤުބޫލު ސަބަބެއް ނެތި މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުގެ ސަބަބުން އީރާނުން ވަނީ ދުނިޔެއަށް ބޭނުންވާ ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި، އެމެރިކާއާއި ޔަހޫދީންނާ ގުޅުންހުރު އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.

15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އދގެ ސަލާމަތީ މަޖިލީހުގައި ހުރުމުޒު ކަނޑުއޮޅީގެ ބާރު ނެގުމާ ގުޅޭގޮތުން ބަޙްރައިނުން ހުށަހަޅާފައިވާ ޤަރާރާ އެއްކޮޅަށް ވޯޓު ދީފައި ވަނީ 11 ޤައުމުންނެވެ. ޗައިނާއާއި ރަޝިޔާއިން ޤަރާރާ ދެކޮޅަށް ވޯޓު ދީފައިވާއިރު، ދެ ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ބަޙްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުލްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަންކުރާ ޤައުމަކުން ޤަރާރާ ދެކޮޅަށް ވޯޓު ދީފައިވާތީ އެ ޤަރާރު ބަލައިގަނެފައި ނުވާ ކަމަށެވެ.

އެ ޤަރާރާ ގުޅޭ ގޮތުން ޗައިނާއާއި ރަޝިޔާއިން ބުނީ އެ ޤަރާރުގައި ގޮވާލާފައިވާ ކަންކަމަކީ ވަކިކޮޅަކަށް ޖެހި، އީރާނަށް ގެއްލުންވާ ގޮތަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށެވެ. ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފޫ ކޮންގު ވިދާޅުވީ ޙަޟާރަތެއް ނައްތާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދަނިކޮށް އެ ފަދަ ޤަރާރެއް ބަލައިގަތުމުން އެ ދެވެނީ މުޅިން ގޯސް މެސެޖެއް ކަމަށެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަސިލީ ނެބެންޒްޔާ ވިދާޅުވީ ކަނޑުމަތީގެ ސަލާމަތީ ކަންކަން ހިމެނޭ ގޮތަށް، މެދުއިރުމަތީގެ ޙާލަތާ ގުޅޭގޮތުން ރަޝިޔާއާއި ޗައިނާއިން އިތުރު ޤަރާރެއް ހުށަހަޅާނެ ކަމަށެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވަ ސަފީރު، އާމިރު ސަޢީދު އިރަވާނީ ވަނީ ޗައިނާއާއި ރަޝިޔާގެ ނިންމުމަށް ތަޢުރީފު ކުރައްވައި، ދެ ޤައުމުގެ ނިންމުމުގެ ސަބަބުން ޢުދުވާނީ ޢަމަލުތަކަކަށް ޤާނޫނީ ޙައިޞިއްޔަތު ދިނުމަށް އދގެ ސަލާމަތީ މަޖިލީސް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވިފައިވާ ކަމަށް ވިދާޅުވެފައެވެ.