ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފެށި ޤައުމީ ނެޓްބޯޅަ ލީގުގެ ފުރަތަމަ މެޗު ކްލަބް ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފިއެވެ.
ލީގުގެ ފުރަތަމަ މެޗު އަންގާރަދުވަހުގެ ހަވީރު ކުޅެފަވާއިރު އެމެޗުގައި ވާދަކުރީ ކްލަބް ގްރީން ސްޓްރީޓްސްއާއި އެން ސްޕޯޓްސް އެކަޑަމީއެވެ. ގްރީން ސްޓްރީޓްސްއިން މިމެޗު ކާމިޔާބުކުރީ 59 ޕޮއިންޓުގެ ބޮޑު ފަރަގަކުންނެވެ. މިމެޗުގައި އެން ސްޕޯޓްސްއަށް ކާމިޔާބުކުރެވުނީ 33 ޕޮއިންޓެވެ. އަދި ކްލަބް ގްރީން ސްޓްރީޓްސްއިން މެޗު ކާމިޔާބުކުރީ 92 ޕޮއިންޓް ހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް މަރްޔަމް މިރްފަތުއެވެ.
ލީގުގެ ދެވަނަ މެޗު ކުލަބު މެޓްރިކްސްއިން ވަނީ ފަސޭހަކަމާއެކު އެމްވީ ނެޓާސް ބަލިކޮށްފައެވެ. މިމެޗުގައި އެމްވީ ނެޓާސްއަށް ކާމިޔާބުކުރެވުނީ އެންމެ 10 ޕޮއިންޓެވެ. އަދި ކްލަބް މެޓްރިކްސްވަނީ 106 ޕޮއިންޓު ހޯދައި 96 ޕޮއިންޓުގެ ފަރަގަކުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް މެޓްރިކްސްގެ ހަމްނާ ޢަބްދުއްރަހީމެވެ.
ދުވާލަކު ތިން މެޗު ކުޅުމަށް ތާވަލުކޮށްފައިވާ ނެޓްބޯޅަ ލީގުގެ އިއްޔެގެ ފަހު މެޗު ރޭގަނޑު ކުޅެފައިވާއިރު 59 ޕޮއިންޓުގެ ތަފާތަކުން ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ވަނީ އެސްސީ ޝައިނިން ސްޓާ ބަލިކޮށްފައެވެ. މިމެޗުގައި ކޭވައިއާރްސީ އިން 79 ޕޮއިންޓު ހޯދިއިރު، އެސްސީ ޝައިނިން ސްޓާއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭވައިއާރްސީގެ މަލަކް އިސްމާއީލް މުހައްމަދެވެ.
ނެޓްބޯޅަ ލީގުގައި މިއަދުވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރުގެ މެޗުގައި ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި އެމްވީ ނެޓާސްއެވެ. އެއަށްފަހު އެން ސްޕޯޓްސް އެކަޑަމީ އަދި އެސްސީ ޝައިނިން ސްޓާ ވާދަކުރާ މެޗު ކުޅޭނީ އިރުއޮއްސި 07:30ގައެވެ. އަދި ފަހު މެޗުގައި ކްލަބް މެޓްރިކްސްއާއި ކޭވައިއާރްސީ ވާދަކުރާނީ މިރޭ 09:30ގައެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ފެށި ގައުމީ ނެޓްބޯޅަ ލީގުގައި ހަ ޓީމަކުން ވާދަކުރެއެވެ. އެއީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، އެސްސީ ޝައިނިން ސްޓާ، އެން ސްޕޯޓްސް އަދި އެމްވީ ނެޓާސްއެވެ. ލީގުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ޤައުމީ ނެޓްބޯޅަ ލީގަކީ ނެޓްބޯޅަ ކުޅޭހިތްވާ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން މިކުޅިވަރުގެ ތެރެއަށް އައު ކުދިން ތަޢާރަފްކޮށް، މިކުޅިވަރަކީ މަޤްބޫލު ކުޅިވަރަކަށް ހެދުމުގެ އަމާޒުގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ފެށި މުބާރާތެކެވެ.