ޚަބަރު

ސްޓޭޓް ފާރމަ ޕޯޓަލްއާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭހަށް އެދެވޭނެ


  • ޞިއްޙީ ނިޒާމުގެ ތެރެއިން ބޭހާއި ބެހޭ ކޮމްޕޯނަންޓު ވަރުގަދަ ކުރެވޭނެ

  • ރާއްޖެއިން ލިބެންޖެހޭ ބޭސްތައް ހުސްނުވެ ބެހެއްޓުމަކީ އަމާޒެއް

ދައުލަތުގެ ބޭސް ކުންފުނީގެ ޕޯޓަލް "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފްވުމާއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަކަށް އެދިލެއްވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ބޭނުންވާ ޒަރޫރީ ބޭސް ނުލިބުމަކީ، ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ޚާއްޞަކޮށް ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސް ލިބުމާއި، ގިނަ ދުވަސްވުމަކީ ބޮޑު ތަކުލީފެކެވެ. އެހެންނަމަވެސް ރައްޔިތުންގެ މި ތަކުލީފުތަކަށް ޙައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ، ބޭހުގެ މައްސަލަ ޙައްލު ކުރުމަށް ޚާއްޞަ ކުންފުންޏެއް އުފައްދާފައެވެ.

ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ކުރެވުނު ދިރާސާތަކަށް ބަލާއިރު ރައްޔިތުންނަށް ބޭނުންވާ ބޭސް ނުލިބި ގިނަ ތަކުލީފުތަކާއި ކުރިމަތިލާ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ ނިޒާމެއް މިވަގުތު ޤާއިމްވެފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން އެންމެ ފުރަތަމަ ރައްޔިތުންގެ ޝަކުވާތަކާއިއެކު ކަންކަން ޙައްލު ކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ބޭސް ކުންފުނިން ތަޢާރަފް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ޚިދުމަތެއް ކަމަށާއި، މި ނަންބަރު ތައާރަފް ކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި ބޭސް ހޯދުމާއި އެކަމާއި ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެ ކަމަށްވެސް ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

ޑރ.ޝާހު މާހިރު ވިދާޅުވީ، މި ކޯލް ސެންޓަރަށް ގުޅުއްވައި ނުލިބޭ ބޭސްތަކާއި އަދި ރާއްޖެއިން ގެންނަން ބޭނުންވާ ބޭހުގެ އިތުރުން ޝަކުވާތައް އަޑުއަހައި އެކަމަށް ޙައްލެއް ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. ކޯލް ސެންޓަރުގެ އިތުރުން ބޭހުގެ ކަންކަމަށް ޚާއްޞަ ކޮށްގެން ޕޯޓަލްއެއް އިފްތިތާޙު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝާހު މާހިރު ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭސްސިޓީ ފޮނުވާލެވޭނެ ކަމަށެވެ. އަދި ބޭނުންވާ ބޭސް އޯޑަރ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ބޭހަށް އެދިލެއްވުމުން އެންމެ އަވަހަށް ލިބެންހުރި ބޭސް ވީ އެންމެ އަވަހަށް ގެނެވޭނެ ކަމަށާއި، އަދި ލަސްވެގެން ހަފްތާއެއްގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ޑރ.ޝާހު މާހިރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ދޮރެއް މި ހުޅުވިގެން ދިޔައީ. މިހާރު މި އަންނަ ކޮމްޕްލެއިންތަކާއި، މި ދިމާވާ ދިމާވުންތަކަށް އަޅުގަނޑުމެންނާއި މި ދިމާވާ ރައްޓެހިންނާއި، އެހެން މީހުންވެސް ކޮންޓެކްޓު ކުރަމުންދަނީ. އާސަންދައާއި އެންސްޕާއާއި އެއްކޮށް ބެކް ހޭންޑުގައި މަސައްކަތް ކުރަމުންދާނަން ކޯލް ސެންޓަރ ބޭނުން ކޮށްގެން ލިބޭ އިންފޮރމޭޝަންތަކަށް ޙައްލު ހޯދާދޭން." ޑރ.ޝާހު މާހިރު ވިދާޅުވިއެވެ.

ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، އަމާޒަކީ ޕޯޓަލް މެދުވެރިކޮށް ޝަކުވާތައް އަޑުއަހައި އެ ޝަކުވާތަކަށް ޙައްލު ހޯދާދިނުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ބޭހާއި ބެހޭ ކޮމްޕޯނަންޓު ވަރުގަދަކޮށް، ރަނގަޅު ދާއިމީ ޙައްލެއް ހޯދުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ލިބެންޖެހޭ ބޭސްތައް ހުސްނުވެ ބެހެއްޓުމާއި، ފާމަސީތަކުން އެބޭސްތައް ފޯރުކޮށްދިނުމަކީ، މި ޕޯޓަލްގެ މައިގަނޑު މަޤްސަދު ކަމަށްވެސް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.