ޚަބަރު

"މާސްޓާޕްލޭނާ އެއްގޮތަށް ކަންކަން ހާސިލްކުރުމަށް ކުރާ މަސައްކަތް ގިނަ"


  • ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭހެން ހުނަރުވެރި އެތުލީޓުން ދެނެގަނެ އެކުދިން ކުރިއެރުވުން

  • އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ކޮމަންވެލްތު ނުވަތަ އޮލިމްޕިކްގެ ޕޯޑިއަމް ފިނިޝް ރާއްޖޭގެ އެތުލީޓުން ހޯދުން

ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަންދާނަމަ ކައިރި މުސްތަގުބަލެއްގައި ކުޅިވަރުން ރާއްޖެއަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވިގެންދާނެކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ސަރުކާރުގެ އުންމީދަކީ ކުޅިވަރުގެ ތަރައްގީއަށްޓަކައި އެކުލަވާލާފައިވާ މާސްޓާ ޕްލޭނާއެއްގޮތަށް ކަންކަން ތަންފީޒުކުރުންކަމަށެވެ. އެފަދައިން ކަންކަން ކުރިއަށްދާނަމަ ކުރިއަށް މިއޮތް ދިހަވަރަރަކަށް އަހަރަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އެތުލީޓުން ވިދާލާނެ އަހަރުތަކަކަށްވެގެންދާނެކަމަށް ޠަލާލް ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިސަރަހައްދު ފަހަނައަޅާގޮސް، ކޮމަންވެލްތު ނުވަތަ އޮލިމްޕިކްގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ޕޯޑިއަމް ފިނިޝް ހޯދާތަން އަވަސް މުސްތަގުބަލެއްގައި ފެނުންކަމަށް ޠަލާލް ވިދާޅުވިއެވެ. އެހެންކަމުން އެއަމާޒަށް ވާސިލްވުމަށް ސަރުކާރުން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންކަން ޠަލާލް ފާހަގަކުރެއްވިއެވެ.

"ކުރިއަށް މިއޮތް ދިހަވަރަކަށް އަހަރު ދުވަހުގެތެރޭގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށް މޮޅު ކުޅުންތެރިންތައް އުފެދި، އެކުޅުންތެރިންތަކުގެ ބޭނުންކޮށް ބައިނަލްއަގްވާމީ މައިދާނުގައި ޕޯޑިއަމް ފިނިޝް، މިދަންނަވަނީ މި ރީޖަންގައެއް ނޫން އެޔަށްވުރެން ދުރުން އޭޝިއާ ނޫނިއްޔާ ކޮމަންވެލްތު ނޫނިއްޔާ އޮލިމްޕިކްގަވެސް ހަމަ ހަގީގަތުގައި އަޅުގަނޑުމެންނަށް ރަނގަޅު ޕޯޑިއަން ފިނިޝް ރަނގަޅު ކާމިޔާބީ ހޯދާ ކުޅުންތެރިންތަކެއް ފެނިގެންދާނެ. އެއީ އަޅުގަނޑުމެންގެ ތަޞައްވުރަކީވެސް އުންމީދަކީވެސް އެކަން އިރާދަކުރެއްވިއްޔާ ހާސިލްވެގެންދާނެ" ޠަލާލް ވިދާޅުވިއެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޅިވަރުގެ ދާއިރާއަށް ކޮށްދެއްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުންތެރިން ބިނާކުރުމަށް ޚާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ޠަލާލް ވިދާޅުވީ އެއީ ބޮޑު ބުރަ މަސައްކަތެއްކަމަށެވެ.

ކުޅުންތެރިން ބިނާކުރުމަކީ މީގެ ކުރިން ހަމައެކަނި މާލެއަށް ޚާއްސަވެގެންދިޔަ ކަމެއްގެ ގޮތުގައި ޠަލާލް ފާހަގަކުރެއްވިއިރު، އެކަމުގެ ސަބަބުން ރާއްޖޭގައި އެތުލީޓުން އުފެދުނު މިންވަރު ވަރަށް މަދުކަމަށް ޠަލާލް ދެކެލައްވައެވެ. އެކަމަށް ހައްލެއް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންނަވަންފެއްޓެވި އިސްލާހުތަކާއެކުކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރުގެ ކަންކަން ބައްޓަންކުރައްވަން ފެއްޓެވީ އަތޮޅުތެރެއާ މާލެ އެއްހަމަކުރައްވައިގެންކަމަށާ އެމަސައްކަތުގެ ދަށުން އަތޮޅުތެރޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވުމާއި މުބާރާތްތައް ބޭއްވުމުގެ އިތުރުން އަތޮޅުތެރޭގައި ތިބި މޮޅެތި އެތުލީޓުންގެ ހުނަރުތައް ދެނެގަތުމަށް ހިންގުނު ޕްރޮގްރާމުތައް ފާހަގަކޮށްލެވޭކަމަށް ޠަލާލް ވިދާޅުވިއެވެ.

"މުޅި ރާއްޖެ ޝާމިލްވާގޮތަށް ކުޅިވަރު ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތްފެށިގެންދާނެ ފަދަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިވަނީ ކަންކަން ބައްޓަންކުރައްވަން ފައްޓަވާފަ. އޭގެ ތެރޭގައި ކުޅިވަރު ވަސީލަތްތައް އަތޮޅުތެރޭގައި ގާއިމްކުރުމާއި އަތޮޅުތެރޭގެ ރަށްރަށުގަ ކުޅިވަރު މުބާރާތްތައް ބާއްވާ، ކުޅިވަރުގެ ހުނަރުތައް ދެނެގަތުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ކަންކަން އިންތިޒާމްކުރައްވާފަ އޮތީ" ޠަލާލް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހާއެކު ޤައުމީ ކުޅިވަރު ޖަމިއްޔާތައް، ރީޖަނަލް އެސޯސިއޭޝަންތަކުގެ ތެރެއިން ފޯމްވާ އެސޯސިއޭޝަންތަކަކަށް ބަދަލުވެގެންދާނެކަމަށް ހާމަކުރައްވާ ޠަލާލް ވިދާޅުވީ ރީޖަނަލް އެސޯސިއޭޝަންތަކުން ރީޖަންތަކުގައި ޕްރޮގްރާމުތައް ހިންގާ ހުނަރުވެރި ކުދިން ދެނެގަންނާނެކަމަށެވެ. އަދި އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރާނެކަމަށާ އެކުދިންވެގެންދާނީ ކައިރި މުސްތަގުބަލެއްގައި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ޕޯޑިއަމް ފިނިޝިން ހަދާނެ ކުދިންނަށްކަމަށް ޠަލާލް ވިދާޅުވެފަވެއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ރަނގަޅު ކާމިޔާބީތައް ހޯދަމުން އަންނައިރު ރާއްޖޭގެ އެތުލީޓުންނަށް އިތުރު ތަމްރީނުތައް ދިނުމަށްޓަކައި ބޭރުގެ ގައުމުތަކުގައި ކޭމްޕުކޮށް އިތުރު ތަޖުރިބާތައް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ.

ޚާއްސަގޮތެއްގައި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގްވާމީ ތަޖުރިބާތައް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.