ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ލުބްނާނަށް ދެމުންދާ ޙަމަލާތައް ހުއްޓައިލައި، ސުލްޙަ ޤާއިމުކުރަން ޔަހޫދީން ދެކޮޅު ހަދައިފިއެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އީރާނަށް ހުއްޓުމެއްނެތި ދެމުންދިޔަ ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުﷲއިން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކަށް އަމާޒުކޮށް ޙަމަލާތައް ދޭން ފަށައިފައެވެ.
އެކަމުގެ ރައްދުގައި ޔަހޫދީން ވަނީ ލުބްނާނަށް ބޮން އެޅުމުގެ އިތުރުން، ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެއްގަމުންވެސް ވަދެގެންފައެވެ.
އީރާނުން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނެއެވެ. ނަމަވެސް، އެކަމަށް ޔަހޫދީންގެ އިތުރުން އެމެރިކާއިން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.
ލުބްނާނާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް އަންނަ ހަފްތާގައި އެމެރިކާގައި ފަށަން ތައްޔާރުވެފައިވަނިކޮށް، ޔަހޫދީން ވަނީ ލުބްނާނަށް ޙަމަލާދިނުން ހުއްޓައިނުލާނެކަމަށް ބުނެފައެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު އީރާނާއި އެމެރިކާ އާ ދެމެދު ފަށާ ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅޭނެކަމަށް ވިދާޅުވެ، ލުބްނާނަށް ޙަމަލާދިނުން މަޑުޖައްސައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ޔަހޫދީންގެ ގާތުން އެދިވަޑައިގެންފައެވެ.
ނަމަވެސް، އެކަން އެމެރިކާގެ ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިސްލާމްއާބާދުގައި މިއަދު ފަށާ ސުލްޙައިގެ މަޝްވަރާތަކުގައި ވެސް އީރާނުން އެންމެ ބޮޑަށް ބާރު އަޅާނެކަމަށް ބެލެވެނީ ލުބްނާނަށް ޙަމަލާދިނުން ހުއްޓުވުމެވެ.
ލުބްނާނަށް ޙަމަލާދެމުންދާތީ، ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިނުވާންވެސް އީރާނުން ވިސްނިއެވެ.
މިގޮތުން، ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވެސް ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ޔަހޫދީން ވަނީ ނިރުބަވެރި ޙަމަލާތަކެއްދީ، 10 މީހަކު ޝަހީދުކޮށްލައިފައެވެ.