ޚަބަރު

ހުރްމުޒް ކަނޑުއޮޅި އެމެރިކާއިން ބަންދުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ


ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރާ ހުރިހާ އުޅަނދެއް އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ އެ ފަދަ އިންޒާރެއް ދެއްވާފައި މި ވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރި ޞުލްޙައިގެ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް ބުނެ ނިންމާލާފައި ވަނިކޮށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމާއެކު އީރާނުން ވަނީ އެ ކަނޑިއޮޅި ބޭނުންކުރުމުގައި ލުއި ދީފައެވެ. ނަމަވެސް ޔަހޫދީން ލުބުނާނަށް ޙަަމަލާ ދިނުމުން އެކަމާ ހިތްހަމަ ނުޖެހި އީރާނުން ވަނީ އަނެއްކާ ވެސް އެ ކަނޑުއޮޅި ބޭނުންކުރުން ކޮންމެވެސް ދަރަޖައަކަށް ދަތިކޮށްފައެވެ.

21 ގަޑިއިރަށް ދެމިގެންދިޔަ ޞުލްޙައިގެ މަޝްވަރާތަކަށް ފަހު ކުރިއެރުމެއް ނުލިބުމުން އެމެރިކާގެ ވަފުދު މިހާރު ވަނީ ޕާކިސްތާނުން ފުރައިފައެވެ. އެއާއެކު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް އަނެއްކާ ވެސް މި ވަނީ ހިޔަނި އެޅިފައެވެ.

މަޝްވަރާތަކަށް ފަހު ޓްރަމްޕް ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އީރާނަށް ޓޯލް ދައްކާފައިވާ ހުރިހާ އުޅަނދަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހުރުމުޒު ކަނޑުއޮޅިއަށް އީރާނުން އަޅާފައިވާ މައިންތައް ނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުރުމުޒު ކަނޑުއޮޅިއަށް ވަނުމަށް ނުވަތަ ނިކުތުމަށް މަސައްކަތްކުރާ ހުރިހާ އުޅަނދެއް ހުއްޓުވުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރުން މިހާރަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނަށް ފައިސާ ދައްކާފައިވާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށް ކަނޑުގެ ސިފައިންނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.