ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓު ހޮވުމަށް ޕްރައިމަރީ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑުވެސް ސާފުކޮށް، ހުށަހެޅުމަށް ޕީއެންސީން ވަނީ އެދިފައެވެ.
ޕީއެންސީން ބުނީ ޕްރައިމަރީ ބާއްވާނީ މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާބެހޭ ޓެކްނިކަލް ކޮމިޓީން ބަލާ މިންގަނޑުތަކަށްފެތޭ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާނަމައެވެ. ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25ވަނަ ދުވަހުގެ ހެނދުނު 9:00އިން ހަވީރު 4:00 އަށެވެ.
މި ޕްރައިމަރީގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރަކަށްވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ޕީއެންސީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ކަނޑައެޅުމާ ގުޅިގެންނެވެ. ސިނާން އެ ދާއިރާގެ މެންބަރަކަށް އިންތިޚާބުވީ ޕީއެންސީގެ ޓިކެޓުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.