މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 351 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރިޗު މަހު ރާއްޖެއަށް 5.7 ބިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓްކުރި މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ބާވަތްތަކެވެ. ރާއްޖެއަށް އެތެރެކޮށްފައިވާ ތެލުގެ ބާވަތްތަކުގެ އަގު 1.60 ބިލިޔަން ރުފިޔާއަށް އަރައެވެ. 2 ވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ 1.05 ބިލިޔަން ރުފިޔާއެވެ. 3 ވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ. އެއީ 959 މިލިޔަން ރުފިޔާގެ މުދަލެވެ.
* އޮމާން: 1.3 ބިލިޔަން ރުފިޔާގެ މުދާ
* ޗައިނާ: 885 މިލިޔަން ރުފިޔާގެ މުދާ
* އިންޑިއާ: 806 މިލިޔަން ރުފިޔާގެ މުދާ
* ޔޫއޭއީ: 514 މިލިޔަން ރުފިޔާގެ މުދާ
* ސިންގަޕޫރު: 392 މިލިޔަން ރުފިޔާގެ މުދާ
މާރިޗު މަހުގެ ތެރޭގައި ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އެންމެ ގިނައިން ބޭރުކޮށްފައިވަނީ ދަޅު މަހެވެ. އޭގެ އަގު 51 މިލިޔަން ރުފިޔާއަށް އަރައެވެ. އަދި މި މުއްދަތުގައި ރާއްޖެއިން 8 މިލިޔަން ރުފިޔާގެ ރޯމަސް އެކްސްޕޯޓުކޮށްފައިވެއެވެ.
* އިނގިރޭސިވިލާތް: 45 މިލިޔަން ރުފިޔާގެ މުދާ
* އިންޑިއާ: 8 މިލިޔަން ރުފިޔާގެ މުދާ
* ޖަރުމަނުވިލާތް: 6 މިލިޔަން ރުފިޔާގެ މުދާ
* ފްރަންސޭސިވިލާތް: 5 މިލިޔަން ރުފިޔާގެ މުދާ
* ކޮސްޓަރިކާ: 5 މިލިޔަން ރުފިޔާގެ މުދާ
މާރިޗު މަހު ރާއްޖެއަށް 168 އުޅަނދު ވަނީ އައިސްފައެވެ. އަދި 177 އުޅަނދު ރާއްޖެއިން ފުރާފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.