ޚަބަރު

ޔަހޫދީންނާއެކު ޤާއިމްކޮށްފައިވާ ދިފާޢީ އެއްބަސްވުން އިޓަލީވިލާތުން ސަސްޕެންޑް ކޮށްފި


ޔަހޫދީންނާއި އިޓަލީވިލާތާ ދެމެދު ޤާއިމްކޮށްފައިވާ ދިފާޢީ އެއްބަސްވުމެެއް އައު ކުރުން މަޑުޖައްސައިލުމަށް އިޓަލީވިލާތުން ނިންމައިފިއެވެ.

2006ވަނަ އަހަރު ޤާއިމްކޮށްފައިވާ އެ އެއްބަސްވުމުގެ ދަށުން އަސްކަރީ ސާމާނާއި ޓެކްނޮލޮޖީއާ ގުޅޭ ދިރާސާތައް ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެއެވެ. އަދި ދިފާޢީ ދާއިރާއިން ތަޢުލީމާއި ތަމްރީންތައްދީ އެއްބާރުލުން ދެއެވެ. އެ އެއްބަސްވުމަކީ ކޮންމެ ފަސް އަހަރަކުން އަމިއްލައަށް އައުވާ ގޮތަށް ޤާއިމްކޮށްފައިވާ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަމިއްލައަށް އައުވާ ގޮތަށް އޮންނަ އޮތުން މެދުކަނޑައިލުމަށް އިޓަލީވިލާތުން ނިންމާފައިވާ ކަން އިޢުލާނުކުރައްވައި އެ ޤައުމުގެ ބޮޑުވަޒީރު، ޖޯޖާ މެލޮނީ ވިދާޅުވީ އެ ޤައުމުން އެ ފަދަ ނިންމުމެއް ނިންމާފައި ވަނީ މިހާރު އޮތް ޙާލަތަށް ބަލާފައި ކަމަށެވެ.

ވިލާތުގެ ޤައުމުތަކުގެ ތެެރެއިން އިޓަލީވިލާތަކީ ޔަހޫދީންނާ ގާތް ގުޅުމެއް އަބަދު ވެސް ބާ
އްވަމުން ދިޔަ ޤައުމެކެވެ. ނަމަވެސް ފަހަކަށް އައިސް، ޔަހޫދީން ލުބުނާނަށް ޙަމަލާތައް ދޭތީ އެ ޤައުމުން ދަނީ ޔަހޫދީންނަށް ފާޑުކިިޔުން އަމާޒުކުރަމުންނެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ ލުބުނާނުގައި ޙަރަކާތްތެރިވަމުން ދިޔަ އިޓަލީވިލާތުގެ ޞުލްޙަ ބަލަހައްޓާ ބަޔަކު ދަތުރުކުރަމުން ދިޔަ އުޅަނދަކަށް އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހައިފައެވެ. އެ މައްސަލައިގައި އިޓަލީވިލާތުން ވަނީ އެ ޤައުމުގައި ހުންނަ ޔަހޫދީންގެ ސަފީރު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު، އެންޓޯންޔޯ ތަޔަނީ ވަނީ ޔަހޫދީ ފައުޖުން ލުބުނާނުގެ ޢާންމުންނަށް ދެނުންދާ ޙަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ. އެއާއެކު ޔަހޫދީންނާއި އިޓަލީވިލާތާ ދެމެދު އޮތް ނުތަނަވަންކަން ވަނީ އިތުރުވެފައެވެ.