ޚަބަރު

"އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން"


  • އަޢުޤާފް މަޝްރޫޢުތައް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

  • ވަޤުފު އިމާރާތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

އަމާޒަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް، އައުޤާފުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ މެނޭޖްމަންޓް ސިސްޓަމަކާއި އައުޤާފު ޤާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހައްދަވާނެ ކަމަށެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، މާލޭގައި ހުރި 'ދާރުލް އީމާން' ވަޤްފު އިމާރާތުގެ އިތުރުން، 'ދާރުލް އަރްޤަމް' ވަޤްފު އިމާރާތުގެ މަސައްކަތް މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ އިދާރާގެ ގޮތުގައި ހަދާ އިމާރާތާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޚާއްޞަ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

އަތޮޅުތެރޭގައި ވަޤްފު މަޝްރޫޢުތައް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢުތައް ފެށުމަށް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައެވެ. އަދި އަތޮޅު ވަޤްފު މަޝްރޫޢުތައް ވެސް މިހާރު ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ، މިފަދަ ވަޤްފު އިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުން ކޮށްގެން މިސްކިތްތައް ބިނާކުރުމާއި ދީނީ އެކި ކަންކަމަށް ޚަރަދު ކުރުމެވެ. މިއީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މާލީ ނިޒާމެއްގެ ތެރެއިން އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.