ޞަހްޔޫނީ ދައުލަތާއި ލުބްނާންގެ މުޖާހިދުންނާ ދެމެދު 10 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ހިންގަމުންދާ ޢުދުވާނުގައި ޔަހޫދީ ފައުޖުގެ ސިފައިންގެ މީހަކު މަރައިލައިފިއެވެ. ޔަހޫދީ ފައުޖުން މާރިޗު 2 ވަނަ ދުވަހަށްފަހު ލުބްނާންގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާއިރު، އެ މީހުންނާއި ލުބްނާންގެ މުޖާހިދުންނާ ދެމެދު އެންމެ ފަހުން ހިނގި ކުރިމަތިލުންތަކުގައި ޔަހޫދީ ސިފައިންގެ އިތުރު ނުވަ މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.
އެޕްރީލު 19 ވަނަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި ޒަޚަމުވި ނުވަ ޔަހޫދީ ސިފައިންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ގޯސް ކަމަށްވެއެވެ. މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން މަރައިލާފައިވާ ޔަހޫދީ ސިފައިންގެ އަދަދު ވަނީ 15އަށް އުފުލިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން، އެޕްރީލު 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އެއްބަސްވުމަށް ޞަހްޔޫނީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އާނބަސް ބުނި ކަމުގައިވީ ނަމަވެސް، ލުބްނާނުގެ ދެކުނުގައި ޔަހޫދީ ފައުޖުތަކުން ދަނީ "ޔެލޯ ލައިން" ގެ ނަމުގައި ސަރަޙައްދެއް ކަނޑައަޅައި، އަލް-ލަޔިޠާނީ ކޯރުގެ ދެކުނުގައި ބާރުގަދަ ކުރަމުންނެވެ. ޞަހްޔޫނީންގެ ދިފާޢީ ވަޒީރު އިސްރާއިލް ކަޓްޒް ބުނީ، ޔަހޫދީން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ކޮންޓުރޯލު ދޫކޮށްނުލާނެ ކަމުގައެވެ. އަދި، އެ ބިންތަކުން ނުފައިބާނެ ކަމުގައެވެ. މިއީ، ޙިޞާރު ކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ވެސް ޔަހޫދީ ފައުޖުން ގެންގުޅޭ ފަދަ ލާއިންސާނީ ސިޔާސަތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވިދާޅުވީ، ޤައުމުގެ ސިޔާދަތު ޙިމާޔަތްކުރައްވައި، ޔަހޫދީ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި، ޓްރަމްޕް ގެންދަވަނީ ޔަހޫދީ ފައުޖުގެ ޢުދުވާންތައް ހުއްޓައިލުމަށް ބާރުއަޅުއްވަމުންނެވެ. ނަމަވެސް، ޞަހްޔޫނީންގެ މި ފަދަ ޖަރީމާތަކުގެ ސަބަބުން އެއްބަސްވުމުގެ ދެމިއޮތުމާ މެދު ވަނީ ސުވާލު އުފެދިފައެވެ. މާރިޗު 2 އިން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ލުބްބާނުން 2,294 މީހުން ޝަހީދުކޮށްލައި، އިތުރު 7,544 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.