ކަޅު ބާޒާރުން ބޭރު ފައިސާ ހޯދާކަމަށް ބުނާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެބޭންކުގެ އޮފިޝަލް ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލުން އަބަދުވެސް އަމަލުކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ. މިކަމަށް އިޝާރާތްކުރައްވާ ބޭންކުން ކަޅު ބާޒާރުގެ ޑީލަރުންގެ އަތުން ފައިސާ ހޯދާ ކަމަށް ބުނެ ދައްކާ ވާހަކަތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ގަވާއިދާ ހިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް…
— Mohamed Saeed (@BMLSpokesperson) April 20, 2026
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިޔަން ޔޫއެސް ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިޔަން ޑޮލަރު ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއްކަން ސައީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކަކީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އޮތް ރައްދެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައި ބީއެމްއެލުން އަބަދުވެސް ދެމިހުންނާނެ ކަމަށެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށާއި، ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އިދާރާއަކީވެސް އެ ބޭންކުކަން ބީއެމްއެލްގެ އޮފިޝަލް ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ވިދާޅުވިއެވެ.