މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި ޖުމްލަ 50 އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މީސް މީޑިއާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމަޔަށް މާލޭގައި ހިނގި އެކްސިޑެންޓުތަކުގެ އަދަދު މަދުވި ނަމަވެސް ބްރިޖު އަދި ހައިވޭގައި ހިނގި އެކްސިޑެންތަކުގެ އަދަދު ވަނީ ކުރީ ހަފުތާއާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ބްރިޖުގައި 14 އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެ ކުރީ ހަފުތާގައި ހިނގާފައިވަނީ، 7 އެކްސިޑެންޓެވެ. މިދިޔަ ހަފުތާގައި މާލޭގައި ހިނގާފައިވަނީ، 36 އެކްސިޑެންޓެވެ. އޭގެ ކުރީ ހަފުތާގައި 49 އެކްސިޑެންޓް ހިނގާފައިވެއެވެ. އެހެންކަމުން މިއީ އޭގެ ކުރީ ހަފުތާގައި މާލޭގައި ހިނގި އެކްސިޑެންޓުގެ ނިސްބަތުން 13 އެކްސިޑެންޓުގެ ދަށްވުމެކެވެ.
މިއެކްސިޑެންޓުތަކުގައި 49 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ، އެ ދުވަހު އެކަނިވެސް 12 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްތަކުގެ ތެރޭގައި ސައިކަލާއި ސައިކަލު ޖެހިގެން ހިނގި 19 އެކްސިޑެންޓަކާއި، ސައިކަލާއި ކާރު ޖެހިގެން ހިނގި 13 އެކްސިޑެންޓް ހިމެނެއެވެ.
Last week, traffic stats from 12 to 18 April 2026 showed a total of 50 traffic accidents were reported across Malé, the bridge, and the highway. Malé recorded the highest number with 36 cases. The peak day was 14 April, with 12 incidents, and most accidents happened during… pic.twitter.com/RcRLMq18CJ
— Maldives Police (@PoliceMv) April 21, 2026
ފުލުހުން ވިދާޅުވީ، މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްވާ ކަމަށް ފާހަގަކުރެވިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. މިކަން ޙައްލު ކުރުމަށްޓަކައި ޕެޓްރޯލް ބީޓްތަކުން އެ ސަރަހައްދު ކައިރިން ބަލައި މައުލޫމާތު ހިއްސާ ކުރުމަށް މިހާރު އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކަށްފަހު މަޑުނުކޮށް ފިލާ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި މިފަދަ އެކްސިޑެންޓްތައް މަދުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކިއެކި އިއުލާންތައް ކޮށްގެން ކުރި މަސައްކަތުގެ ތެރެއިން ދާދިފަހުން މިފަދަ މައްސަލައެއްގައި މީހަކު ހޯދައި ތަހުޤީޤު ފަށާފައިވާކަންވެސް ފުލުހުން ފާހަގަކުރައްވާފައެވެ.
ފުލުހުން ދަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. މަގުމަތީގައި އެކަކު އަނެކަކަށް އަޅާލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެ ދުވަހަކުވެސް މަގުތަކަކީ، އަމާން ތަނަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް، ޒިންމާދާރުކަމާއެކު ދަތުރުފަތުރު ކުރުމަށްވެސް ފުލުހުން ދަނީ ނަސޭހަތްތެރި ވަމުންނެވެ.