ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ރެއާލް މެޑްރިޑަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން ބާސެލޯނާއަށް ވަނީ 79 ޕޮއިންޓް ލިބިފަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާޑާ ގުލާ ދިން ޕާހަކުން ކިލިއަން އެމްބާޕޭ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަލަވޭޒް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޓޯނީ މާޓިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ސީޒަނުގައި ލަލީގާ ރެއާލް މެޑްރިޑަށް ކާމިޔާބު ނުކުރެވިއްޖެނަމަ މިއީ އެ ޓީމުން ދެ ހާހުގެ އަހަރުތަކުގެ ތެރޭގައި މުބާރާތެއް ކާމިޔާބު ނުކުރެވި ނިންމާލާ ފަސްވަނަ ސީޒަނެވެ. މީގެ ކުރިން އެއްވެސް މުބާރާތެއް އެ ޓީމަށް ކާމިޔާބު ނުކުރެވި ގޮސްފައިވަނީ 05-2004, 06-2005, 10-2009 ގެ އިތުރުން 21-2020 ގައެވެ.