ޚަބަރު

ރައްޔިތުންގެ އަޑުއަހައި އިސްލާހުތައް ގެންނާނެކަމުގެ ޔަގީންކަން!


  • އިތުރު އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވި

  • ޝަރުޢީ ދާއިރާގެ ކަންކަން އިސްލާޙްކުރުމަށް ގެންގުޅުއްވާ ސިޔާސަތު ފާހަގަކުރެއްވި

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ގަޑިއިރަކަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައެވެ. އެހެން ދުވަސްތަކާ ޚިލާފަށް އެދުވަހު ރައީސްގެ އޯޕަނިން ސްޓޭޓްމަންޓް ކުރުކޮށް ގެންދެވުމަށްފަހު ފުރުޞަތު ދެއްވީ ނޫސްވެރިންނަށް ސުވާލުކުރުމަށެވެ. އެގޮތުން އެދުވަހު އެ ބައްދަލުވުމަށް ގޮސް ތިބި ހުރިހާ ނޫސްވެރިންނަށްވެސް އެމަނިކުފާނު ވަނީ ފުރުޞަތު ދެއްވާފައެވެ. ނޫސްވެރިންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ސަރުކާރު ހިންގުމުގެ ސިޔާސަތުތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޚިޔާލު ހޯދުމުގެ އާންމު ވޯޓާއެކު ރައްޔިތުން އެދޭގޮތް ސާފުވެފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާއެއްގޮތަށް ކުރިއަށް އޮތްތަނުގައި އިތުރު އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދާހަމައަށްވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އަޑުއަހައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި އިސްކަން ދެއްވާނެ ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޝަރުޢީ ދާއިރާގެ ކަންކަން އިސްލާޙްކުރުމަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާފައެވެ. އެގޮތުން ޖުޑީޝަލް ކައުންސިލް އެކުލަވައިލުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތަށް އެމަނިކުފާނު ނިންމަވާފައިވަނީ ކުރީ ސަރުކާރުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ ބަދަލުކުރުމާ ގުޅިގެން ނުސީދާގޮތުން ނަމަވެސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ސަރުކާރަށް ފަހިވެފައިވާ އޮތުމުންނެވެ.

ރައީސް ވިދާޅުވީ ޖުޑީޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ކައުންސިލެއް ކަމަށާއި މި ކައުންސިލްގައި ފަންނީ ދާއިރާގެ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. މި އިސްލާހާއެކު ޑީޖޭއޭއަކީ އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ތަނަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް އަދި އުއްތަމަ ފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް. މިހާރު މި އޮންނަނީ ޤާނޫނަށް ގެނައި ބަދަލާއެކު މުޅިން އެއްކޮށް ބާރު ބަދަލުވައި މި އޮންނަނީ ޖޭއެސްސީގެ ދަށަށް،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އޮތްގޮތުން ކޯޓުތަކުގައި އެންމެ ބާރުގަދަ ފަރާތަކީ އެޑްމިނިސްޓްރޭޓަރ ކަމަށާއި މީގެ ސަބަބުން ކޯޓުގެ ހިންގުމަށް އަސަރުކުރާނެ ކަމަށެވެ. އެކަމަށްވެސް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޤާނޫނުތަކަށް ގެންނަންޖެހޭ މިފަދަ އިސްލާހީ ބަދަލުތައް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއި މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމަށާއި ވަކި އިންސައްތައެއް ޒުވާނުންނަށް ޚައްސަކުރުމާ ގުޅުންހުރި އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެން ރައީސް އަލިއަޅުވާލެއްވީ ސިޔާސީ މުވައްޒަފުން ގިނަވުމާއި ވަޒިފާ ދިނުމުގައި ބަލާނެކަންކަމަށެވެ. ރައްޔިތުން އެދެނީ ވީހާވެސް ސައިޒުން ކުޑަ ސަރުކާރެއް ހިންގެވުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވަޒީފާތަކަށް ކުރިމަގުގައި މުވައްޒަފުން ނަގާނީ މެރިޓް ބޭސްކޮށް ނުވަތަ ތަޢުލީމާ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ސައިޒު ކުޑަކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް މަލީ ވުޒާރައިން ޕީސީބީއަށް މިހާރު އަނގަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަން ކުރާއިރު ކުންފުނިތަކުގެ ހިންގުމަށް ބުރުނާރާ ގޮތަށް މުވައްޒަފުންގެ މަސައްކަތް ވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު އެއްވެސް ކުންފުންޏަކަށް އިއުލާން ކުރުމަކާއި ނުލައި މުވައްޒަފުން ނުނެގުމަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅވުިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް މީހުން ނެގުމުގެ އިތުރުން، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް މަދުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މުވައްޒަފުން ވުޒާރާތަކަށް އައްޔަން ކުރުމުގެ ބާރު އެމަނިކުފާނަށް އޮންނައިރު ކުރިއަށް އޮތްތާނގައި އެވަޒީފާތަކަށް ކޮންމެހެން މީހަކު ނަގާނަމަވެސް ތަޢުލީމަށް ބައްލަވަން ގަސްތުކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބައެއް އެހެނިހެން ކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ހޮސްޕިޓަލްގެ އަދާހަމައާއި މާލޭގެ މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތުގެ މަޢުލޫމާތުތައް ހިއްސާކުރެއްވިއެވެ.