އެމެރިކާއާއެކު ސީދާ މަޝްވަރާތަކުގެ އައު ބުރެއް ނުބާއްވާނެ ކަމަށާއި، އެމެރިކާއިން ކުރަމުންދާ ޙާލަތާ ނުބައްދަލު ޝަރުތުތައް ވެސް ބަލައި ނުގަންނާނެ ކަމަށް އީރާނުން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް އިސްވެ ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ މެެދުއިރުމަތީގައި ހުންނަ ދެ ބައި މީހުންގެ މަސްލަހަތު އޮންނަ ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އަދި ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ވެސް އީރާނުން ވަނީ ދަތިކޮށްފައެެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ. ދެ ފަރާތުން ޙަމަލާ ބަދަލުކުރުން މި ވަގުތަށް ހުއްޓާލާފައި އޮތް ނަމަވެސް އެމެރިކާއިން ދަނީ އީރާނުގެ އުޅަނދުފަހަރަށް ވެސް ހުރަސްއަޅަމުންނެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ފަހު ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމްކުރެވޭތޯ ޕާކިސްތާނު މެދުވެރިވެ ދެ ޤައުމުން ބައްދަލުވުންތައް ބާއްވާފައިވެއެވެ. ނަމަވެސް އެ ބައްދަލުވުންތަކުން ވެސް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޢަރާޤްޗީ ވަނީ އެމެރިކާއިން ކުރާ މާސިންގާ ޝަރުތުތައް އީރާނުން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން މީގެ ކުރިން ވަނީ އެ ޤައުމުގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނަރ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާ ބައްދަލުކުރެއްވުމަށް ޕާކިސްތާނަށް ދަތުރުކުރައްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ދެ ފަރާތުގެ މެދުގައި އެ ފަދަ އެއްވެސް ބައްދަލުވުމެއް ބާއްވާ ކަން އީރާނުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހްބާޒް ޝަރީފް ހިމެނޭ ގޮތަށް ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ޢަރާޤްޗީ ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދަތުރުކުރައްވައިފައެވެ. ޕާކިސްތާނުގެ އިތުރުން ޢުމާންއަށާއި ރަޝިޔާއަށް ވެސް ޢަރާޤްޗީ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޢަރާޤްޗީ ވިދާޅުވީ އެ ދަތުރަކީ ރަނގަޅު ނަތީޖާތަކެއް ނެރެވުނު ދަތުރެއް ކަމަށެވެ. އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ދާއިމީ ގޮތަކަށް ނިމުމަކަށް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އޮނިގަނޑާމެދު އީރާނުން ދެެކޭ ގޮތް ޙިއްޞާކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން ހަޤީޤަތުގައި ވެސް ޞުލްޙަވާން ބޭނުންވޭތޯ ނުވަތަ ނޫންކަން އަދި ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޢަރާޤްޗީ މިހާރު ވެނީ އެ ޤައުމުން ފުރާވަޑައިގެންފައެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީސްމީޑީޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޓްކޮފްއާއި ކުޝްނަރ ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކޮށްލަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ސަބަބައް ކަމަށް އޭނާ ވިދާޅުވީ އީރާނުގެ އިސްވެރިންގެ މެދުގައި ބޮޑެތި އޮޅުންބޮޅުންތަކެއް އުފެދުފައިވުމެވެ.