ޚަބަރު

ޖޯޑަންގައި ބާއްވާ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް


  • އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު 26 އިން 29އަށް

  • އެކްސްޕޯއިން އިންވެސްޓްމަންޓް ފުރުސަތުތައް ފަހިވާނެ

ޖޯޑަންގައި ބާއްވާ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގަލްފް ޖޯ އެކްސްޕޯ އަދި ގަލްފް - ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމްގައެވެ.

މި ފޯރަމް އޮންނާނީ ޖޯޑަންގެ ހަޝެމައިޓްގައެވެ. އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 26 އިން 29 އަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގަލްފް ޖޯ އެކްސްޕޯ އަދި ގަލްފް - ޖޯޑަނިއަން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާކަމުގެ މައުލޫމާތު، ޖޯޑަންގެ ސަރުކާރުން އެ ވުޒާރާއާއި ހިއްސާކޮށްފައިވާކަމަށެވެ.

މި އެކްސްޕޯ އަދި ފޯރަމަކީ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށާއި، ވިޔަފާރިވެރިންގެ އުފެއްދުންތައް އިސްތިހާރު ކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި ހުޅުވާލާ ޕްލެޓްފޯމެއްކަމަށެވެ. މި އިވެންޓުގައި ބިސްނަސް-ޓު-ބިސްނަސް ބައްދަލުވުންތަކާއި، އިންވެސްޓްމަންޓް ޕްރޮމޯޝަން ސެޝަންތަކާއި އެފެއްދުންތައް ދައްކާލުމަށް ހާއްސަ އެގްޒިބިޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މި އެކްސްޕޯގެ ރަސްމީ ވެބްސައިޓް (http://www.tc-center.com) އިން، ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ނޮޓިފައި ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.