އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި، ތެހްރާނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވޮޝިންގްޓަނާ މުޢާމަލާތު ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތް ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މި މޭރުމުން ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު އީރާނަށް ދުވަހަކުވެސް ނުދެއްވާނެ ކަމަށް ތަކުރާރު ކުރައްވަމުންނެވެ.
ނަމަވެސް، ދެ ފަރާތުގެ މެދުގައި ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ކުރުމަށް އޮތް ދަތުރު ޓްރަމްޕް ފަސްކުރެއްވުމާ ގުޅިގެން ސުލްޙައިގެ އުންމީދުތައް ވަނީ ފަނޑުވެފައެވެ. ހުޅަނގު އޭޝިޔާގެ މަސްރަޙާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤިޖީ ދާދިފަހުން ވަނީ ޕާކިސްތާނާއި ޢުމާނަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި، އިތުރު މަޝްވަރާތައް ބޭއްވުމަށް ރަޝިޔާއަށް ވަޑައިގަންނަވައި، ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ހަނގުރާމައިގައި އީރާނުގެ އިތުރުން ލުބްނާނުން 5,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އިޤުތިޞާދީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ގެއްލި، ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ.
ޙާލަތު މި ގޮތުގައި އޮތް ނަމަވެސް، ތެހްރާނުން ދަނީ ސުލްޙަވުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޕާކިސްތާން މެދުވެރިކޮށް އީރާނުން ހުށަހެޅި އައު ހުށަހެޅުންތަކުގައި ކަނޑުއޮޅި ހުޅުވައިލުމަށާއި ޙިޞާރު ނައްތައިލުމަށް ބާރުއަޅާފައިވީ ނަމަވެސް، ނިއުކްލިޔަރ މައްސަލައާ ގުޅޭ ވާހަކަތައް ފަސްކުރުމަށް ވަނީ އެދިފައެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވީ، އެމެރިކާއިން ކުރިމަތިކުރަމުންދާ ބިރުދެއްކުންތަކާއި ކަނޑުގެ ޙިޞާރުގެ ދަށުގައި އެއްވެސް މަޝްވަރާއަކަށް ތެހްރާނުން އިޖާބަ ނުދޭނެ ކަމުގައެވެ. އަދި، މަޝްވަރާގެ މޭޒަށް ދިއުމުގެ ކުރިން އެމެރިކާއިން ހުރިހާ ހުރަސްތަކެއް ނައްތައިލުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
ދުނިޔޭގެ މާލީ ބާޒާރުތަކަށް މި ނުތަނަވަސްކަމުގެ އަސަރު ފޯރާފައިވާއިރު، ޓްރަމްޕަށް ވަނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ އެތެރޭގެ ސިޔާސީ ޕްރެޝަރުވެސް ކުރިމަތިވެފައެވެ. އީރާނުން ހުށަހެޅި ހުށަހެޅުންތައް ފުރިހަމަ ނޫން ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިތުރު ހަރުދަނާ ހުށަހެޅުންތަކެއް ހުށަހެޅުމަށް ތެހްރާނަށް ގޮވައިލައްވާފައެވެ.